15 Jan 2018, 09:15
ސަލްމާން ޚާން އަދި ކެޓްރީނާ ކައިފްގެ އެންމެ ފަހުގެ ފިލްމު 'ޓައިގާ ޒިންދާ ހޭ'ގެ ތިން ވަނަ ބައެއް ވެސް ނުކުންނާނެ ކަމަށް ސަލްމާން ބުނެފި އެވެ.
އެ ފިލްމަށް ބޮކްސް އޮފީހުގައި ފަސް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު އެ ފިލްމަކީ ބޮލީވުޑްގައި މިދިޔަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމު ވެސް މެ އެވެ.
އަލީ އައްބާސް ޒަފަރް ޑައިރެކްޓްކުރި އެ ފިލްމާ ބެހޭ ގޮތުން ސަލްމާނު ބުނީ ވަރަށް އަވަހަށް ފިލްމްގެ އަނެއް ބައިގެ މަސައްކަތް ފަށާނެ ކަމަށާއި އެ ފިލްމަކީ އޭނާގެ މުޅި ކެރިއަރުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމު ކަމަށެވެ.
"ބެލުންތެރިން މި ފިލްމު ބަލައިގަނެފި. މި ފިލްމަށް ވަރަށް ވެސް ތަރުހީބު ބޮޑު. އުންމީދު ކުރިވަރަށް ވުރެ މާ އުހުގައި މި ފިލްމު މިއުޅެނީ،" އޭނާ ބުންޏެވެ.
ޓައިގާ ޒިންދާ ހޭ' އަކީ 2012 ވަނަ އަހަރު ނުކުތް ‘އެކް ތަ ޓައިގާ’ގެ ސީކުއަލް އެކެވެ. ފިލްމުގައި ސަލްމާން އަދި ކެޓްރީނާ ވެސް ފެނިގެން ދަނީ އައިސިސް އިން ރަހީނުކޮށްފައިވާ 25 ނަރުހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ދެ އޭޖެންޓުގެ ރޯލުންނެވެ.
ގިނަ އަދަދެއްގެ އެކްޝަން މަންޒަރުތައް ފިލްމުގައި ހިމެނެ އެވެ.