15 Aug 2011, 11:39
ވަތަނިއްޔާ އިން އެރިކްސަންއާ އެކު ކޮންވާޖްޑް ބިލިން އިން ވަން (ސީބީއައިއޯ) ސޮލިއުޝަން އެއްގައި ސޮއިކޮށްފި އެވެ.
މިއަދު ހެނދުނު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ވަތަނިއްޔާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ސްޓެފެން ސްމިތެވެ. އަދި އެރިކްސަންގެ ފަރާތުން ސޮއި ކުރެއްވީ އެރިކްސަން މެލޭޝިއާ އަދި ސްރީލަންކާގެ ރައީސް ޖޭން ލައިޓަލާ އެވެ.
މި އެއްބަސްވުމުގެ ދަށުން ސީބީއައިއޯ ސޮލިއުޝަންގެ ޚިދުމަތައް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި އިންސްޓޯލްކުރުމާއި އަދި އެހެނިހެން އެހީތެރިކަން ތިން އަހަރުގެ މުއްދަތައް ފޯރުކޮށްދޭނީ ސީދާ އެރިކްސަން ކުންފުނިންނެވެ. މި މަސައްކަތް މި މަހުގެ ތެރޭގައި ފަށާގޮތަށް ހަމަޖެހިފައިވާ އިރު މި ޚިދުމަތް މުޅިން ނިމި ތަޢާރަފް ކުރެވޭނީ އަދި އަންނަ އަހަރުގެ ކުރީ ކޮޅު ކަމަށް ވަތަނިއްޔާ އިން ބުންޏެވެ.
ވަތަނިއްޔާ އިން ބުނީ މި ޚިދުމަތް ތަޢާރަފް ކުރުމުން ވަތަނިއްޔާގެ ބިލިން އަދި މަޢުލޫމާތުގެ އޮނިގަނޑު މިހާރަށް ވުރެ ބޮޑަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ. އަދި ކަސްޓަމަރުންގެ މަޢުލޫމާތު ތަކާއި ބޭނުންކުރާ ޚިދުމަތްތަކުގެ މަޢުލޫމާތުއެއް ޗެކަކުން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ވަތަނިއްޔާ އިން މިއަދު ސޮއިކުރި ސީބީއައިއޯ ސޮލިއުޝަން ތައާރަފް ކުރުމުން ވަތަނިއްޔާގެ ޚިދުމަތް ހޯދާ ފަރާތްތަކަށް މޯބައިލް ފޯނުން ކުރާ ޚަރަދުތަކާއި އަދި އެކުރެވޭ ޚަރަދުތައް ކޮންޓްރޯލް ކުރުމަށް ފަސޭހަވާނެ އެވެ. އަދި އެރިކްސަންގެ ސީބީއައިއޯ ސޮލިއުޝަން އިން ރެވެނިއު މެނޭޖްމެންޓާ ކަސްޓަމަރުންގެ ބިލާއި އަދި ޗާޖު ކުރެވޭ ގޮތުގެ ޚިދުމަތްތައް ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން ވެސް މޯބައިލް ބްރޯޑްބޭންޑް ޕްލެޓް ފޯމެއް އެރިކްސަން އިން ފޯރުކޮށްދޭނެ އެވެ.
އެރިކްސަންގެ ސީބީއައިއޯ ސޮލިއުޝަން ސިސްޓަމަކީ ދުނިޔޭގެ 1.2 މިލިޔަން މީހުން ބޭނުން ކުރަމުން އަންނަ ސިސްޓަމެކެވެ.