15 Jan 2018, 09:06
ބާސެލޯނާގެ ޑްރެސިން ރޫމްގެ ތެރެއިން ބާސާއާ މި ހަފްތާ ތެރޭގައި ގުޅުނު ޑިފެންޑަރު ޔެރީ މިނާއާ ފުރަތަމަ ފަހަރަށް ލިއޮނަލް މެސީ އޭނާއާ ސަލާމް ކޮށްލަން އައުމުން ގައިން ހީބިހި ނަގައިގެން ދިޔަކަމަށް ޔެރީ މިނާ ބުނެފިއެވެ.
އުމުރުން 23 އަހަރުގެ މިނާ ބާސާއަށް ބަދަލުވެފައިވަނީ ބްރެޒިލް ލީގުގެ ޕަލްމޭރާސްއިންނެވެ. 11.8 މިލިއަން ޕައުންޑަށް ބާސާއަށް ބަދަލުވި ޔެރީ މިނާއަކީ ކޮލަމްބިއާގެ ކުޅުންތެރިއެކެވެ.
ފޯފޯޓޫއަށް ދިން އިންޓަވިއުއެއްގައި ޔެރީ މިނާ ބުނެފައިވަނީ މެސީގެ ފަރާތުން ފުރަތަމަވެސް އޭނާއަށް ފާހަގަވީ ހިތްތިރިކަން ކަމަށެވެ.
"އަބަދުވެސް މެސީއަކީ އަހަންނަށް އެންމެ މޮޅު ކުޅުންތެރިޔާ. މެސީ ފެނުމުން ފުރަތަމަވެސް ފާހަގަވީ އޭނާގެ ހިތްތިރިކަން. މެސީއާއި ޝުއަރޭޒް އަހަންނާ ސަލާމް ކޮށްލަން އައި ވަގުތު ގައިން ހީބިހި ނަގައިގެންދިޔަ. އެހާވެސް ހާއްސަ ކުޅުންތެރިއެއް މެސީއަކީ. ބާސާގައި މެސީ ފަދަ ކުޅުންތެރިންނާއެކު ކުޅެލުމަކީ އަބަދުވެސް ދެކެމުންއައި ހުވަފެނެއް،" ޔެރީ މިނާ ބުންޏެވެ.
ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ޔެރީ މިނާ ދައްކާލި ދުވަހުވެސް އޭނާގެ ފަރާތުން ތަފާތު މަންޒަރެއް ފެނިގެން ދިޔައެވެ. އެގޮތުން ބާސާގެ ދަނޑު މައްޗަށް އޭނާ ފުރަތަމަ ފައިޖެއްސީ އަރައިގެން ހުރި ބޫޓު ބޭލުމަށް ފަހުގައެވެ. އެކަމާ ގުޅިގެން ޔެރީ މިނާ ބުނިގޮތުގައި އެއީ އޭނާގެ ގައުމުގެ ސަގާފަތެވެ.
"އަހަރެމެން ގައުމުގައި ބުނާ ހަރުބަހެއް އޮންނާނެ. ކަމެއް ކާމިޔާބުކުރަން، ނޫނީ ވަކި ކަމެއް ހާސިލްކުރަން އެކަން ކުރަން ބޭނުންވާ ބިމެއްގައި ފައި ބީހެން ޖެހޭނެއޭ. އަހަރެން ބޭނުމީ ބާސާ ތާރީހުގައި އަހަރެންގެ ނަން ލިޔެލަން. ކާމިޔާބުކަމާއެކު ކެރިޔަރު ބިނާ ކުރަން. އެހެންވެ އެ ކާމިޔާބީއަށް އަހަރެން އެކަން ކުރީ،" ޔެރީ މިނާ ބުންޏެވެ.
ކޮލަމްބިއާގެ ފުރަތަމަ ޑިވިޝަން ކުލަބެއް ކަމަށްވާ ސަންޓާ އެފްއީން ޕްރޮފެޝަނަލް ކެރިޔަރު ފެށި ޔެރީ މިނާ ވަނީ 2016 ވަނަ އަހަރު ބްރެޒިލްގެ ޕަލްމޭރާސްއާ ގުޅިފައެވެ. ޕަލްމޭރާސްގެ ސެންޓްރަލް ޑިފެންޑަރުގެ ރޯލުގައި ޔެރީ މިނާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އޭނާ ވޭތުވެދިޔަ ސީޒަންގައި އެ ޓީމަށް 28 މެޗު ކުޅެ ހަ ގޯލް ޖަހާފައިވެއެވެ.