މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ހަމަޖައްސައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މިރޭ "ސަން" އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނު، ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެފައި ވަނީ މި އަހަރު ޚާއްސަ އިސްކަމެއް ދޭނެ ކަންތައްތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބާ ގުޅޭ ކަންތައްތައް ހިމެނޭ ކަމަށެވެ. އަދި އެކަމާގުޅޭ މަސައްކަތްތައް ކުރިއަށްދާކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ރިޔާސީ އިންތިޚާބާ ދިމާކޮށް، މުޖުތަމައުގެ ހަމަޖެހުމަށް ހުރިހާ ފަރާތްތަކުން އިސްކަން ދިނުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ސިޔާސީ ގޮތުން ގައުމު ހަލަބޮލިވާ ދުވަސްވަރު ކުށްކުރުން އާންމުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.