15 Jan 2018, 09:22
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއިން މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ. މިއީ މިސީޒަންގައި ލީގު މެޗަކުން ސިޓީ ބަލިވި ފުރަތަމަ ފަހަރެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު ފޯރިގަދަ މެޗު ލިވަޕޫލްއިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ނުވަވަނަ މިނެޓުގައި އެލެކްސް އޮކްސްލޭޑް ޗަމްބަލޭންގެ ގޯލުން ލިވަޕޫލްއިން ވަނީ ލީޑު ނަގައިފައެވެ. ދެ ޓީމުގެ ފަރާތުންވެސް އެޓޭކިން ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފު ނިމެންދެން ލިވަޕޫލަށް ލީޑު ދެމެހެއްޓޭނެ ގޮތެއް ނުވިއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ލެރޮއީ ސާނޭގެ ގޯލުން ސިޓީން ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ ފުރަތަމަ ހާފު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން ނިމުނު ނަމަވެސް ދެވަނަ ހާފުގައި ލިވަޕޫލްއިން ކުޅުން ރަނގަޅު ކުރިއެވެ. މެޗުގެ 59 މިނެޓުގައި ރޮބާޓް ފާމީނޯގެ ރީތި ގޯލާއެކު ލިވަޕޫލްއިން އަނެއްކާވެސް ލީޑު ނެގިއެވެ.
ލިވަޕޫލްއިން ދެވަނަ ފަހަރަށް ލީޑު ނެގުމަށްފަހު ދެން ފެނިގެންދިޔައީ ސިޓީގެ ޑިފެންސުން ގިނަ ގޯސްތަކެއް ހެދި މަންޒަރެވެ. ޑިފެންސިވް ގޯސްތަކުގެ ބޭނުންހިފައި ލިވަޕޫލްއިންް ހަތް މިނެޓު ތެރޭގައި ސިޓީ ކޮޅަށް ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ 4-1 އަކަށް ބަދަލުކޮށްލިއެވެ. މި ދެ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަޑިއޯ މަނޭއާއި މުހައްމަދު ސަލާހެވެ.

މެޗުގައި ގޯލް ޖެހި ސަޑިއޯ މަނޭ އުފާފާޅުކުރަނީ --- ފޮޓޯ/އޭޕީ
ލިވަޕޫލްއިން ބޮޑު ލީޑެއްގައި އޮވެ މެޗު ނިންމާލަން ދިޔަ ނަމަވެސް ސިޓީން ވަނީ މެޗަށް އަނބުރާ އައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ 84 ވަނަ މިނެޓުގައި ސިޓީގެ ބާނާޑޯ ސިލްވާ ގޯލެއް ޖަހައި އެޓީމަށް އުންމީދު އާކޮށްދިން އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ގުންޑަގަން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ.
މެޗު ނިމެންދަނިކޮށް ސިޓީން މެޗުގެ ނަތީޖާ 4-3 އަށް ބަދަލުކޮށްލި ނަމަވެސް، ލިވަޕޫލްއިން ވަނީ މެޗު ނިމެންދެން ސިޓީ ހިފަހައްޓައިފައެވެ.

ރޭގެ މެޗުގައި ސިޓީގެ ފުރަތަމަ ގޯލް ޖެހި ސަނޭ ބޯޅަ ކުރިއަށް ފޮނުވާލަނީ --- ފޮޓޯ/އޭޕީ
ރޭގެ މެޗުން ބަލިވި ނަމަވެސް 15 ޕޮއިންޓުގެ ލީޑަކާއެކު ސިޓީ އޮތީ އިނގިރޭސި ލީގުގެ އެއްވަނައިގައެވެ. ނަމަވެސް ރޭ މެންޗެސްޓާ ޔުނައިޓެޑުން ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ތާވާލުގެ އެއްވަނައިގައި ސިޓީ ނަގާފައިވާ ލީޑު 12 ޕޮއިންޓަށް ކުޑަވާނެއެވެ.
ރޭގެ މެޗުން މޮޅުވެ ލިވަޕޫލް ވަނީ ލީގުގެ ތިންވަނައަށް ޖެހިލައިފައެވެ. ރޭގެ މެޗުގެ ކުރިން ތިންވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓްގެ ގޮތުން ލިވަޕޫލް ހަމަހަމަވެފައި އޮތް ނަަމަވެސް ލިވަޕޫލަށް ތިންވަނަ ލިބެނީ ފައިދާ އެއް ގޯލުގެ ތަފާތުންނެވެ.