14 Jan 2018, 22:25
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް ތިން މަސް ފަހުން މާދަމައަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
އެ ދައުވާގެ އަޑުއެހުން މާދަމައަށް ތާވަލްކޮށްފައިވާއިރު، އެންމެފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ފާރިސްއާ ދެކޮޅަށް ސިއްރު ދެ ހެކިން ހުށަހަޅާފައެވެ.
އޭގެފަހުން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިން ހާޒިރުނުކުރެވިގެން އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
އެ ދެ ހެކިންނަކީ، މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިބި ދެ މީހުން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި އެ ދެމީހުން ހެކީގެ ގޮތުގައި ހުށަހެޅީ، ފާރިސް ވާހަކަ ދައްކާފައިވަނީ އޭނާ އަކީ ޕީޕީއެމްގެ މެމްބަރެއްކަމަށް ސިފަވާ ގޮތަށްކަން ސާބިތު ކުރުމަށެވެ.
ދައުލަތުން އެ ދެ ހެކިން ސިއްރު ކުރުމަށް އެދުނީ، ސިއްރުން ހެކިބަސް ނުނަގައިފި ނަމަ އެ ދެ މީހުންގެ ވަޒީފާ ގެއްލި އިގްތިޞާދީ ބޮޑު ގެއްލުމެއް އެ ދެމީހުންނަށް ލިބިދާނެތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އެ މައްސަލާގައި ފާރިސްގެ ފަރާތުން ވަނީ ދިފާއީ ހެކިންގެ ގޮތުގައި 47 މީހުންގެ ނަން ހުށަހަޅާފަ އެވެ. އޭގެ އިތުރުން 27 ލިޔެކިޔުން ވެސް ދިފައީ ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.
ފާރިސްގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ، އޭނާ ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.