ބެއިޖިން (ރޮއިޓާސް) - ޗައިނާގެ އިރުމަތީ އައްސޭރި ކަނޑުގައި މުދާ އުފުލާ ބޯޓަކާ ޖެހި އެކްސިޑެންޓުވެ ރޯވެ އަނދަމުންދިޔަ އީރާނުގެ ތެޔޮ ޓޭންކަރު ފެތިއްޖެއެވެ.

ޗައިނާ ސެންޓުރަލް ޓެލެވިޒަން (ސީސީޓީވީ) އިން މިއަދު ރިޕޯޓްކުރި ގޮތުގައި، ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަންދެން އަނދަމުންދިޔަ އެ ބޯޓު އަނޑިއަށް ދިޔައީ މިއަދުއެވެ.

ނަމަވެސް އެ ބޯޓުން ގިނަ އަދަދެއްގެ ތެޔޮ ކަނޑަށް އެޅިފައިވުމުން އެ ސަރަހައްދުގައި އަދިވެސް އަލިފާން ވަނީ ހިފައިފައެވެ.

ޗައިނާގެ ސްޓޭޓް އޯޝޭނިކް އެޑްމިނިސްޓްރޭޝަން އިން ބުނީ، ކަނޑަށް އެޅިފައިވާ ތެޔޮ އިތުރަށް ފެތުރިޔަ ނުދިނުމަށް އަވަސް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

ފަސްދޮޅަސް ހަތަރު ހާސް ޓަނުގެ ގޮވާން ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ހޮންގް ކޮންގުގެ ކާގޯ ބޯޓު، ސީއެފް ކްރިސްޓަލްއާ ޖެހި ސަންޗީ ނަމަކަށް ކިޔާ އެ ތެޔޮ ޓޭންކަރު އެކްސިޑެންޓު ވެފައިވަނީ އީރާނުން ފުރައިގެން ދެކުނު ކޮރެއާއަށް ދަތުރުކުރަމުން ދަނިކޮށް މިމަހުގެ ހަ ވަނަ ދުވަހުއެވެ.

ޝެންހާއީގެ ބޭރުން 160 މޭލު ދުރުން އެ ހާދިސާ ހިނގި އިރު، ތެޔޮ ޓޭންކަރުގައި 136،000 ޓަނުގެ ތެޔޮ ހުއްޓެވެ. އަދި އޭގައި 32 ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިރާނުގެ 30 ފަޅުވެރިންނާއި ބަނގުލަދޭޝްގެ ދެ ފަޅުވެރިއެކެވެ.

އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ހާދިސާގައި ތެޔޮ ޓޭންކަރުން ގެއްލުނު 32 މީހުން ވެސް ވަނީ މަރުވެފައެވެ.

ޓޭންކަރުގައި ރޯވެ އެނދުމުގެ ހާދިސާއާ ގުޅިގެން ތިން މީހެއްގެ ހަށިގަނޑު މިހާތަނަށް ވަނީ ފެނިފައެވެ.