ޓްރެފިކް ސާކިއުލޭޝަނަށް ލުޔެއް ދިނުމަށްޓަކައި އޯޑިއޯން ބިމުން ހެދި އާ މަގާއެކު ފަނޑިޔާރު މަގުގެ ޓްރެފިކަށް ބަދަލުތަކެއް ގެނެސްފި އެވެ.

ފަނޑިޔާރު މަގަކީ ކުރިން މަޖީދީ މަގުން ގޮސް އޯކިޑުމަގަށް، އެއްކޮޅަށް ދުއްވޭ ގޮތަށް އޮންނަ މަގެކެވެ. ނަމަވެސް ފަނޑިޔާރު މަގާއި މަޖީދީ މަގު ގުޅާލަން އޯޑިއޯން ބިމުން ހެދި ކުޑަ މަގުގެ ސަބަބުން މިހާރު ފަނޑިޔާރު މަގު ވަނީ ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކޮށްފައެވެ.

ފަނޑިޔާރު މަގުގެ ޓްރެފިކަށް ގެނައި އެ ބަދަލާއެކު އެމަގުގައި ޕާކު ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އޭގެ ބަދަލުގައި އޯޑިއޯން ބިމުން ހެދި މަގުގެ އެއް ފަރާތުގައި ސައިކަލު ޕާކު ކުރެވޭ ގޮތަށް ވަނީ ޕާކިން ޒޯނެއް ހަދާފައެވެ.

ނަމަވެސް އެ މަގު ހަދަން ފެށުމުގެ ކުރިން ހައުސިން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ހިއްސާކުރި ކުރެހުމެއްގައި ބުނެފައިވާ ގޮތުން ފަނޑިޔާރުމަގުގެ އެއް ފަރާތުގައި ގަސް އިންދާނެ ޖާގައަކާއެކު ސައިކަލު ޕާކު ކުރެވޭނެ އެވެ.

އަދި އޯޑިއޯން ބިމުގެ އެއްބައި ނަގައިގެން ހެދި އާ މަގުގައި ދެކޮޅަށް ދުއްވޭއިރު، އެ މަގުގެ އެއް ފަރާތުގައި ގަސް އިންދޭނެ ޖާގަ އޮންނާނެ ކަމަށް ބުނެފައިވެއެވެ.