ސްޕެނިޝް ސުޕާކަޕްގެ ފުރަތަމަ ލެގްގައި ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވިޔަނުދީ ޗެމްޕިއަން ބާސެލޯނާއިން ހިފަހައްޓައިފި އެވެ. މިމެޗް 2-2 ން އެއްވަރުވެގެންދިޔައިރު، ދެ ޓީމަށް ވެސް ލީޑް ލިބިފައިވެ އެވެ.
މިދިޔަ ސީޒަންގެ މެޗްތަކެކޭ އެއްގޮތަށް މިސީޒަންގެ މިދެޓީމްގެ ފުރަތަމަ މެޗްވެސް ވެގެންދިޔައީ ވަރަށް ފޯރިގަދަ މެޗަކަށެވެ. ބާސެލޯނާ އިން އާންމުކޮށް ކުޅެމުންދާގޮތަށް ބޯޅަހިފަހައްޓައިގެން ކުޅެމުންދިޔައިރު ރެއާލް މެޑްރިޑުން ދިޔައީ ބާސާގެ ގޯލަށް ވީހާވެސް ޕްރެޝަރުކުރެވޭތޯ އެވެ.

މިމެޗްގެ 13 ވަނަ މިނެޓްގައި ރެއާލް މެޑްރިޑުންވަނީ ލީޑް ނަގައި ބާސެލޯނާ ޕްރެޝަރަށް ވައްޓާލާފަ އެވެ. ފްރާންސް ތަރި ކަރިމް ބެންޒީމާ ދިން ބޯޅައެއް މެސުޓް އޮޒިލް ގޯލްގެ ތެރެއަށް ވައްދާލާ މެޗްގެ ފުރަތަމަ ލަނޑު ރެއާލް މެޑްރިޑުން ކާމިޔާބުކުރި އެވެ.

މިމެޗްގައި ވެސް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ކުޅުން ފާހަގަވެގެންދިޔަ އެވެ. ކޮޕާ އެމެރިކާއަށް ފަހު ބާސެލޯނާއާ އެކު އެކުވެރިކަމުގެ މެޗްތަކުގައި ބައިވެރިވެފައިނުވާ ލަޔޮނަލް މެސީ ހިފަހައްޓަން ރެއާލް މެޑްރިޑްގެ ޑިފެންޑަރުން ކެނޑިނޭޅި މަސައްކަތްކުރި އެވެ. މެޗްގެ 36 ވަނަ މިނެޓްގައި މެސީގެ ރީތި ބޯޅައަކުން ޑޭވިޑް ވިޔާ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކުރި އެވެ.

ބާސާއިން އެއްވަރުކުރިތާ 10 މިނެޓްތެރޭ އެޓީމުން ލީޑް ނަގާފައިވެސްވެ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީ ފުރަތަމަ ފަހަރަށް މެޗްގައި ބާސާއަށް ލީޑް ހޯދައިދިނީ މިމެޗްގައި މޮޅު ކުޅުމެއް ދެއްކި މެސީއެވެ. މެސީގެ ފަހަތުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް ލަނޑުޖާހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

މެޗްގެ ދެވަނަ ހާފަށް ބާސާއިން ލީޑްގައި އޮވެ ނުކުތް ނަމަވެސް އެލީޑް ދެމެހެއްޓުނީ ދެވަނަ ހާފްގެ 10 މިނެޓަށެވެ. ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޕެޕޭދިން ބޯޅައަކުން ޒަބީ އަލޮންސޯވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިމެޗް 2-2 ން ދެޓީމް އެއްވަރުވެގެން ނިމުނުއިރު ބާސެލޯނާއިން ރެއާލްގެ ގޯލަށް ހަތުރު ހަމަލާ އުފެއްދިއިރު ރެއާލްއިންވަނީ ބާސާގެ ގޯލަށް 17 ހަމަލާ އުފައްދާފަ އެވެ.

ސުޕާކޮޕާގެ ދެވަނަ ލެގުގެ މެޗް އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 2:00 ގައެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ބާސެލޯނާގެ އަމިއްލަ ދަނޑުކަމަށްވާ ނޯކޭމްޕްގަ އެވެ.