14 Jan 2018, 18:37
ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ސީޝެލްސްގެ މަސް ބޯޓެއް އަތުލައިގަތްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްގެ އިންފޮމެޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏަކަށް އެ މަސްބޯޓު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކުރީ ލ. ކައްދޫގެ ހުޅަނގުން 38 ނޯޓިކަލް މޭލް ބޭރުން ކަމަށެވެ.
އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ އެ ބޯޓުގައި ސްރީ ލަންކާގެ ހަ ރައްޔިތުން ތިބި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑު ފްލީޓަށް އެންމެ ފަހުން ތައާރަފްކުރި ފާސްޓް އިންޓަސެޕްޓާ ކުރާފްޓްގެ ލޯންޗެއްގެ ބެލުމުގެ ދަށުން އަތުލައިގަތް އެ ބޯޓު މިހާރު މިސްރާބު ޖަހަމުންދަނީ ލ. ކައްދޫ އަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ސީޝެލްސްގެ މަސްބޯޓެއް ފެނިފައިވާއިރު މިދިޔަ ހުކުރު ދުވަހު ސޯމާލިއާގެ ދެ މަސްބޯޓެއް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފަ އެވެ.
އެ ދެ ބޯޓު އަތުލައިގަތީ ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ނުނަގާ ވަދެގެން އުޅެނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ކޯސްޓްގާޑުން އަތުލައިގަތް ފުރަތަމަ ބޯޓު، "ޗޮޓްޕަޓައްނާ 55" ނަމަކަށް ކިޔާ މަސް ބޯޓު ފެނުނީ ތ. ހިރިލަންދޫގެ 76.5 ނޯޓިކަލް މޭލު ބޭރުންނެވެ. ސޯމާލިއާ އިން ތައިލެންޑަށް ދަތުރުކުރަމުންދިޔަ އެ ބޯޓު އަތުލައިގަތްއިރު އޭގައި ތައިލެންޑްގެ 10 ފަޅުވެރިންނާއި 200 ޓަނުގެ މަސް ހުއްޓެވެ.
ސޯމާލިއާގެ ދެވަނަ ބޯޓު، "ޗޮޓްޕަޓައްނާ 51" ނަމަކަށް ކިޔާ މަސް ބޯޓު އަތުލައިގަތީ އދ. މާމިގިލީ ހުޅަނގު ދެކުނުން ނުވަ މޭލު ބޭރުން ނެވެ. ސޯމާލިއާގެ ދިދަ ނަގާފައިހުރި އެ ބޯޓުގައި ވެސް 250 ޓަނުގެ މަސް ހުރި އިރު އޭގައި ތައިލެންޑަށް ނިސްބަތްވާ 12 ފަޅުވެރިން ތިއްބެވެ.
ތެލާއި ކާބޯތަކެއްޗަށް ބޭނުން ވެއްޖެ ހާލަތެއްގައި ބޭރުގެ ބޯޓު ފަހަރަށް ވެސް ހާއްސަ ހުއްދައަކާ އެކު ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ އުސޫލެއް އޮވެ އެވެ.
ނަމަވެސް ގިރިފުށީގައި ބޭއްވި ސިފައިންގެ 63 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވީ، އަތުލައިގަތް އެ ދެ މަސްބޯޓުގައި ތިބީ ކަނޑުފޭރޭ ބައެއް ކަމަށެވެ.