އިނގިރޭސި ޕްރިމިއާ ލީގުގައި ގޯލް ޖެހުމުގެ ހުރިހާ ރެކޯޑެއް ޓޮޓެންހަމްގެ ހެރީ ކޭންއަށް މުގުރާލެވޭނެ ކަމަށް އެ ކްލަބުގެ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

އިނގިރޭސި ލީގުގައި ރޭ ޓޮޓެންހަމްއާއި އެވަޓަން ވާދަކުރި މެޗު، އެޓީމުން 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު، ކޭންވަނީ ދެ ގޯލް ޖަހާފައެވެ. މި ދެ ގޯލާއެކު ކޭންވަނީ ޓޮޓެންހަމްއަށް އެންމެ ގިނަ ލީގު ގޯލް ޖަހައިދިން ކުޅުންތެރިއާއަށް ވެފައެވެ.

ރޭގެ މެޗުގައި ޖެހި ދެ ގޯލާއެކު ޓޮޓެންހަމްއަށް ކޭން 98 ލީގު ގޯލް ޖަހައިދީފައިވާއިރު، ކުރިން މި ރެކޯޑު އޮތީ ޓެޑީ ޝެރިންހަމް އަތުގައެވެ. ޝެރިންހަމް 237 މެޗުން 97 ގޯލް ޖެހިއިރު ކޭން މި ރެކޯޑު މުގުރާލީ 135 މެޗުންނެވެ.

މި ސީޒަންގައި ކޭން މިހާތަނަށް 20 ގޯލް ޖަހާފައިވާއިރު، އޭނާވަނީ ވޭތުވެދިޔަ ހަތަރު ސީޒަންގައިވެސް 20 ގޯލައަށްވުރެ ގިނައިން ގޯލް ޖަހާފައެވެ. ޖެހިޖެހިގެން ހަތަރު ސީޒަނެއްގައި 20 ގޯލައަށްވުރެ ގިނައިން ޕްރިމިއާ ލީގު ގޯލް ޖަހާފައިވާ ހަމައެކަނި ކުޅުންތެރިންނަކީ ކޭންގެ އިތުރުން އެލެން ޝިއެރާ އަދި ތިއަރީ އޮންރީއެވެ. އޮންރީވަނީ ފަސް ސީޒަނެއްގައި 20 ގޯލައަށްވުރެ އިތުރަށް ގޯލް ޖަހާފައެވެ.

ރޭގެ މެޗަށްފަހު ޓޮޓެންހަމް ކޯޗު ޕޮޗެޓީނޯ ބުނީ ކޭންއަކީ ވަރަށް ޕްރޮފެޝަލް ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ކުރިއެރުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކޭންއަށް ތައުރީފް ހައްގު ކަމަށާއި، މި ރޭޓްގައި ކޭން ޕްރިމިއާ ލީގުގެ ހުރިހާ ރެކޯޑެއް މުގުރާލާނެ ކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ.

ރޭގެ މެޗުން މޮޅުވެ ޓޮޓެންހަމް އޮތީ ކުޅުނު 23 މެޗުން 44 ޕޮއިންޓާއެކު އިނގިރޭސި ލީގު ތާވަލުގެ ފަސްވަނައިގައެވެ. ރޭގެ މެޗުގައި ކޭންގެ އިތުރުން ޓޮޓެންހަމްއަށް ގޯލްތައް ޖަހައިދިނީ އެރިކްސަން އަދި އެޗްއެމް ސަންއެވެ.