14 Jan 2018, 17:59
ވޭތުވެދިޔަ ހަފްތާގައި ރާއްޖޭގެ ސަރަހައްދުން ފެނުނު ސޯމާލިއާގެ ދެ މަސް ބޯޓަކީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ކަނޑުފޭރޭ މީހުންގެ ގޮތުގައި ހުނި ޖެހިފައިތިބި ބައެއްކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ އެމްއެންޑީއެފްގެ 63 ވަނަ އަސާސީ ތަމްރީނު ކޯސް ދަސްވެނިވުމަށް އިއްޔެ ގިރިފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެ ދެ މަސްބޯޓް ފެނުމާއެކު ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައިސްފައިވާ ކަމަށާއި އެ ބޯޓުތަކަކީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ކަނޑުފޭރޭ މީހުންގެ ގޮތުގައި ހުނި ޖެހިފައިތިބި ބައެއް ކަމަށެވެ. އަދި އެމީހުންނާއެކު މުގާބަލާކުރުމުގައި ދިވެހި ސިފައިން ދައްކާފައިވަނީ ހުށިޔާރުކަމާ ޒިންމާދާރުކަމުގެ ފުރިހަމަ ރީތި މިސާލެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވޭތުވެދިޔަ ހަފްތާގައި ރާއްޖޭގެ ސަރަހައްދުން ފެނުނު ފުރަތަމަ މަސް ބޯޓްގައި ތައިލެންޑްގެ 10 ފަޅުވެރިންނާއި 200 ޓަނުގެ މަސް ހުރި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ބޯޓް ދަތުރުކުރަމުން ދިޔައީ ސޯމާލިއާ އިން ތައިލެންޑަށް ކަމަށް އެ ބޯޓުގައި ތިބި މީހުން ބުނެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އދ. މާމިގިލީ ހުޅަނގު ދެކުނުން ނުވަ މޭލު ބޭރުން ފެނުނު ދެވަނަ ބޯޓުގައި ތައިލެންޑްގެ 12 ފަޅުވެރިން ތިބިއިރު އޭގައި 250 ޓަނުގެ މަސް ހުރި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އޭގައި ނަގާފައިވަނީ ސޯމާލިއާގެ ދިދައެކެވެ.
ދެ ބޯޓު ވެސް މިހާރު ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން މާލެ ގެނެސްފައެވެ.