14 Jan 2018, 14:33
އަމިއްލަ ރާގުގެ ނުވަ ލަވަ ހިމެނޭ ދިވެހި ލަވަ އަލްބަމް "މިހިތުގާ" މި މަހުގެ 17 ގައި ރިލީޒްކުރަން ނިންމައިފިއެވެ.
މި އަލްބަމްގައި ހިމެނެނީ ލަވަކިޔުންތެރިޔާ ހުސައިން އިނާޒުގެ ލަވަތަކެވެ. އިނާޒުއާއެކު ރާފިޔަތު ރަމީޒާ، އަދި ވޮއިސް އޮފް މޯލްޑިވްސްއިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ މަރިޔަމް އިފާ އާއި ރާފިޔަތު ރަމީޒާ އާއި މަރިޔަމް އަޝްފާ އަދި އައިޝަތު ނާޝިދާގެ އަޑުވެސް އަލްބަމްގެ ލަވަތަކުން އިވިގެންދާނެއެވެ.
މިފަދަ އަލްބަމެއް ނެރުމުގެ މަގްސަދަކީ މި ދާއިރާއަށް އާ ޒުވާނުން ނެރެ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުން ކަމަށް އަލްބަމުގެ ޕްރޮޑިއުސަރު އަހުމަދު ރީހާން ބުންޏެވެ. ރީހާން ބުނީ މި ހިތުގާ އަލްބަމް އަކީ ތަފާތު އުފެއްދުމެއް ކަމަށެވެ.
"މިއީ ފަހުގެ ތާރީޚުގައި ރިލީޒްކުރާ، އެންމެ ވަރުގަދަ، ހުރިހާ ފީލްއެއްގެ ލަވަތައް އެކުލެވޭ އަލްބަމެއް،" އޭނާ ބުންޏެވެ.
ދެ ވިޑިއޯ ލަވަ ހިމެނޭ އެ އަލްބަމުގެ މަސައްކަތުގައި އެހީތެރިކަން ދިން ހުރިހާ ފަރާތްތަކަށް ރީހާން ޝުކުރު އަދާކުރިއެވެ.
ހާއްސަކޮށް ސަން ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު، ޑރ. އާއިޝަތު ރަފިއްޔާ އަދި ރީހާންގެ މަންމަ އާއި އަނބިމީހާ، އެކްޝަނަލް މޫވީސްގެ ލަތީފް އަދި އަލްބަމަށް ލަވަތައް ކިޔައިދިން އިނާޒްގެ ނަން އޭނާ ފާހަގަކުރިއެވެ.