ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް)ގެ މެނޭޖިން ޑައިރެކްޓަރު ފައިޒަލް ޚާންގެ އެންގުމަށް، ބޭނުންކޮށްފައި ހުރި އެމްއާރްއައި މެޝިނެއް އެ ހޮސްޕިޓަލަށް ގެންނަން މަސައްކަތް ކުރި ކަމަށް އެ ކުންފުނީގެ ހިއްސާދާރު އަލީ އުސައިދު ތުހުމަތު ކުރައްވައިފި އެވެ.

ޓާޝަރީ ފެންވަރަށް ތަރައްގީ ކުރާ ކުޅުދުއްފުށީ ހޮސްޕިޓަލަށް އެމްއާރްއައި މެޝިނެއް ގެނައުމަށް ހަވާލުކޮށްފައި ވަނީ ޖެނެރަލް އިލެކްޓްރޯނިކްސް (ޖީއީ) ކިޔާ ކުންފުންޏަކާ އެވެ.

އުސައިދު މިއަދު "ސަން" އަށް ވިދާޅުވީ، އެ ކުންފުންޏާ ހަވާލުކުރެވުނީ މުޅިން އާ އެމްއާރްއައި މެޝިނެއް ގެނައުމަށް ކަމަށެވެ. ނަމަވެސް ކުރިން ބޭނުންކޮށް، އަލުން މަރާމާތު ކޮށްފައިވާ މެޝިނެއް ގެންނަން ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ މެނޭޖިންގް ޑިރެކްޓަރު ފައިޒަލް ޚާން ޖީއީއަށް އެންގި ކަަމަށް އޭނާ ވިދާޅުވި އެވެ.

"ޖީއީގެ ހެޑް އޮފް ސައުތު އިންޑިއަން އެކްޓިވިޓީސް ޕްރަސާދު، އަޅުގަނޑަށް ގުޅާފައި ކަންބޮޑުވުން ފާޅުކުރަނީ ފައިޒަލް ޚާން ވިދާޅުވިއޭ ރިފާބިޝަބަލް އެމްއާރްއައި މެޝިނެއް ރާއްޖެ ގެންނަން. އޭނާ ބުނީ އެގޮތަށް އެކަން ނުކުރަން ފައިޒަލް ޚާނަށް އެންގުމަށް،" އުސައިދު ވިދާޅުވި އެވެ.

އުސައިދު ވިދާޅުވީ ޖީއީ ކުންފުނީގެ ވެރިން ގާތުގައި ރާއްޖެއަށް ބޭނުން ވަނީ އައު އެމްއާރްއައި މެޝިނެއް ކަމަށް ވިދާޅުވި ކަމަށެވެ. އަދި ބޭނުން ކޮށްފައި ހުރި އެމްއާރްއައި މެޝިނެއް ބަލައި ނުގަންނާނެ ކަމަށް އަންގާފައިވާނެ ކަމަށް އުސައިދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ފައިޒަލް ޚާނާ އެކު މަޝްވަރާ ކުރެވުނު ކަމަށް އުސައިދު ވިދާޅުވި އެވެ. އަދި ބޭނުންކޮށްފައި ހުރި އެމްއާރްއައި މެޝިނެއް ގެނައުމަށް ހެލްތު މިނިސްޓްރީން ވެސް ގަބޫލުނުކުރާނެ ކަމަށް ފައިޒަލްއަށް ދެންނެވި ކަމަށް އުސައިދު ވިދާޅުވި އެވެ.

"ފައިޒަލްއާ އެވާހަކަ ހިއްސާ ކުރުމުން މި ވިދާޅުވަނީ އާ މެޝިނެއް ވަރަށް އަގުބޮޑޭ. އަޅުގަނޑު ބުނިން ބޭނުންކޮށްފައި ހުރި މެޝިނެއް ހެލްތު މިނިސްޓްރީން ވެސް، އަދި ހުދު އަޅުގަނޑު ވެސް ގަބޫލެއް ނުކުރާނަމޭ. ދެން ވިދާޅުވީ އާ ސީޓީ މެޝިނެއް ފޮނުވާފައި، އަދި ބޭނުންކޮށްފައި ހުރި އެމްއާރްއައި މެޝިނެއް ފޮނުވިޔަސް ނޭނގޭނެއޭ،" އުސައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމަށް އިންކާރު ކުރުމުން ފައިޒަލް ކޯފާ އިސްކުރެއްވި ކަމަށެވެ.

އުސައިދުގެ ތުހުމަތުތަކާ ގުޅޭ ގޮތުން ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓް (އެންއައީއީޓީ)ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އިންޓަނޭޝަނަލް އޮޕަރޭޝަންސް މެނޭޖަރު އަހްމަދު ނަސީރު "ސަން"އަށް ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށާއި އުސައިދު ހައްދަވަނީ އިތުރުފުޅު ކަމަށެވެ. އަދި އެ ކުންފުނިން ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލަށް މިހާތަނަށް ވެސް ފޮނުވާފައި ވަނީ، އަދި ކުރިއަށް އޮތްތަނުގައި ވެސް ފޮނުވާނީ މުޅިން އާ، އަދި ބާޒާރުގައި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު މެޝިންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ކުޅުދުއްފުށީ ހޮސްޕިޓަލު ތަރައްގީ ކުރުމަށް އެކުންފުނިން ގެންގުޅެނީ ވަރަށް ފުރިހަމަ ޕްލޭނެއް ކަމަށާއި އުސައިދު ތުހުމަތު ކުރައްވާފައިވާ ފަދަ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށް ނަސީރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލު ހިންގަން ނިމްސް އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އެ ކުންފުންޏަށް 50 އަހަރަށް ކުޅުދުއްފުށި ހޮސްޕިޓަލު ހިންގަން ދީފައި ވަނީ ޒަމާނީ ވަސީލަތްތައް ގާއިމު ކުރާ ގޮތަށް އެއްބަސްވެގެންނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލު ހިންގުމުގައި ބައިވެރިވާ ދެ ހިއްސާދާރުންގެ ދެމެދުގައި މައްސަލަޖެހި އެ މައްސަލަ ހައްލު ކުރުމަށް ހެލްތު މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.