ސައުދީގެ ބިން ލާދިން ގްރޫޕު އެގައުމުގެ ސަރުކާރަށް ނަގަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

ބިން ލާދިން ގްރޫޕުގެ ފަރާތުން ނެރުނު ސްޓޭޓްމެންޓަކާ ހަވަލާދީ އަރަބް ނިއުސް އިން ބުނީ އެކުންފުނި ދެމިއޮންނާނޯ ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

މާލީ މައްސަލަތަކެއް ދިމާވެ ކުންފުނި ރީ ސްޓްރަކްޗާ ކުރުމުގެ ކަންތައް ވެސް ކުރަމުންދާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

ބިން ލާދިންގެ ސްޓޭޓްމެންޓުގައި އިތުރަށް ބުނީ ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްގެންް މިހާރު ވެސް މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ޒަމްޒަމްވަޅުކޮޅު މަރާމާތު ކުރުމާއި އިތުރު ދެ މިސްކިތެއްގެ މަސައްކަތް އެކުންފުނިން ކުރާ ކަމަށް ބިންލާދިން ގްރޫޕުން ވަނީ ބުނެފަ އެވެ.

ބިންލާދިން ގްރޫޕުގެ ޗެއާމަން ބަކުރު ބިންލާދިންއާއި އެ އާއިލާގެ ބައެއް މެމްބަރުން މިވަގުތު ތިބީ ސައުދީ ސަރުކާރުގެ ހައްޔަރުގަ އެވެ.

ބައެއް މީޑިިއާ ރިޕޯޓުތައް ބުނާ ގޮތުން އެކުންފުނީގެ އިސްވެރިން ހައްޔަރުގައި ތިބި އިރު، ސައުދީ ސަރުކާރުން އެ ކުންފުނި ހިންގުމާ ހަވާލުވެ، އެކުންފުނީގެ ބައެއް މުދާ ސަރުކާރަށް ނަގާ ކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. އަދި ސައުދީ ސަރުކާރުން މި ފިޔަވަޅު އަޅަނީ، ބިންލާދިން ގްރޫޕުން ސަރުކާރަށް ދައްކަން ޖެހޭ 100 ބިލިޔަނެއްހާ ޑޮލަރު އަނބުރާ ހޯދުމުގެ ގޮތުން ކަމަށް ވެސް ބައެއް ހަބަރުތައް ބުނެ އެވެ.

ބިންލާދިން ގްރޫޕުގެ އިސްވެރިން ސައުދީ ސަރުކާރުގެ ހައްޔަރުގައި މިވަގުތު ތިބި އިރު، އެކުންފުނީގެ ވިޔަފާރީގެ ކަންކަން ވަގުތީ ގޮތުން ހިންގުމަށް ސައުދީ ސަރުކާރުން ފަސް މެމްބަރުން އެކުލެވޭ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް ބައެއް ނޫސްތަކުން އިއްޔެ ވަނީ ރިޕޯޓުކޮށްފަ އެވެ.

ބިންލާދިން ގްރޫޕަކީ ސައުދީ ސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫއުތައް ހިންގަމުން އައި ކުންފުންޏެވެ. އެގޮތުން، މައްކާގެ ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއު ވެސް ހިންގީ އެކުންފުނިންނެވެ. ނަމަވެސް ހަރަމްފުޅުގައި ކެރޭނުތަކެއް ވެއްޓި ހިނގި ހާދިސާއަށް ފަހު، ބިންލާދިން ގްރޫޕުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

އަދި ކުންފުނީގެ 100،000 އެއްހާ މުވައްޒަފުންގެ ތެރެއިން އެތައް ހާސް ބަޔަކު ވަޒީފާ އިން ވަކިކުރަން ވެސް ޖެހުނެވެ.

ބިންލާދިން ގްރޫޕަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 300 މިލިޔަން ޑޮލަރުގެ އާ ބައިނަލްއަގުވާމީ ޓާމިނަލް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރާ ކުންފުންޏެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.