14 Jan 2018, 13:03
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް ދިމާވި ދަތިތައް ހައްލުކޮށް، އެކުންފުނި ހިންގަން ހަވާލުކުރި ނޫރުލް އިސްލާމް އިންޓަނޭޝަނަލް އިން ހެލްތު މިނިސްޓްރީއަށް އެކަން އަންގައިފި އެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ހިންގުމަށް ދަތިތަކެއް ކުރިމަތިވުމުން، ހެލްތު މިނިސްޓްރީން ވަނީ އެ ހޮސްޕިޓަލުގެ ބައެއް ކަންކަން ހިންގުމާ ހަވާލުވެފަ އެވެ.
އެ ކުންފުނީގެ 80 ޕަސަންޓު ހިއްސާދާރަކީ އިންޑިއާގެ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓެވެ. ބާކީ 20 ޕަސަންޓު ހިއްސާދާރަކީ އަލީ އުސައިދު ކިޔާ ދިވެއްސެކެވެ.
ނަމަވެސް ދެ ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހި، ހޮސްޕިޓަލު ހިންގުމަށް ދަތިތަކެއް ކުރިމަތިވެފައިވާ އިރު، ހެލްތު މިނިސްޓްރީން ދާދި ފަހުން ވަނީ ކަންކަން ހައްލުކުރުމަށާއި ހޮސްޕިޓަލު ހިންގުމަށް ބުރޫ ނާރާނެކަމުގެ ޔަގީންކަން މިނިސްޓްރީއަށް ދިނުމަށް، ނޫރުލް އިސްލާމަށް 10 ދުވަހުގެ މުހުލަތެއް ދީފަ އެވެ.
މުހުލަތު މިއަދަށް ހަމަވެފައިވާ އިރު، ނޫރުލް އިސްލާމުން ވަނީ އެ މުހުލަތު ހަމަވުމުގެ ކުރިން، ހުކުރު ދުވަހު ހެލްތު މިނިސްޓަރަށް ސިޓީއެއް މެދުވެރިކޮށް، ކަންކަން ހައްލުކުރަން ނިންމާފައިވާ ނިންމުންތައް ހުށަހަޅައިފަ އެވެ.
އެ ސިޓީގައި ނޫރުލް އިސްލާމުގެ މެނޭޖިންގް ޑިރެކްޓަރު ފައިޒަލް ޚާން ވިދާޅުވެފައި ވަނީ، މީގެ ކުރިން ކުންފުނީގެ ބޯޑުގައި ތިބީ އޭނާގެ އިތުރުން، ކުންފުނީގެ 20 ޕަސަންޓު ހިއްސާދާރު އުސައިދު ކަމަށާއި ބޯޑުގެ ކޯރަމަކީ ވެސް ދެ މީހުން ކަމަށެވެ. ނަމަވެސް ބޯޑު ބައްދަލުވުންތަކަށް އުސައިދު ހާޒިރުނުވާތީ، ބައްދަލުވުންތައް ނުބޭއްވޭ ކަމަށެވެ.
އެހެންކަމުން، ކުންފުނީގެ ވަކީލުންގެ ލަފައާ އެކު، ކުންފުނީގެ "ޚާއްސަ ގޮތުން ކުރެވޭ އާންމު ޖަލްސާ" (ސްޕެޝަލް ޖެނެރަލް މީޓިންގް)އެއް ޖެނުއަރީ 10 ވަނަ ދުވަހު ބާއްވައި، ޚާއްސަ ގަރާރުތަކެއް ފާސްކުރި ކަމަށެވެ.
ނޫރުލް އިސްލާމް އިންޓަނޭޝަނަލުން "ސަން"އާ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ، އެ ބައްދަލުވުން ބޭއްވީ ދިވެހި ހިއްސާދާރު އަލީ އުސައިދަށް ވެސް ބައްދަލުވުމުގެ ނޮޓިފިކޭޝަން ފޮނުވައިގެން ކަމަށާއި ނަމަވެސް އޭނާ ބައިވެރިނުވާ ކަމަށެވެ.
"އޭނާ ކުރިން އަންގާފައި އޮތީ އެއްވެސް ބައްދަލުވުމަކަށް ހާޒިރުނުވާނެ ކަމަށް. އެކަމަކު ވެސް އަޅުގަނޑުމެން އާންމު ބައްދަލުވުން ބޭއްވީ އޭނާއަށް ވެސް ނޮޓިފިކޭޝަން ފޮނުވައިގެން، އަދި ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށްގެން،" އޮފިޝަލު ވިދާޅުވި އެވެ.
އެހެން ނަމަވެސް އަލީ އުސައިދު "ސަން"އަށް ވިދާޅުވި ގޮތުގައި ހިއްސާދާރުންގެ ބައްދަލުވުމަކަށް އޭނާއަށް ދައުވަތެއް ދީފައެއް ނުވެ އެވެ. އަދި ބައްދަލުވުންތަކުގައި ބައިވެރިނުވާނެ ކަމަށް އޭނާ ބުނީ، ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލުތަކެއް ހުރުމުން، އެކަން ޓްރޭޑު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ބައްދަލުވުންތަކުގައި ބައިވެރި ނުވާނެ ކަމުގެ ވާހަކަތައް ކަމަށް ވެސް އުސައިދު "ސަން"އަށް ވިދާޅުވި އެވެ.
ކުންފުނިން ހެލްތު މިނިސްޓަރަށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން، ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ އަދަދު ދެއަކުން ފަހަކަށް އިތުރުކޮށްފައިވެ އެވެ. ބޯޑަށް އިތުރުކުރި ތިން ޑިރެކްޓަރުން ނޮމިނޭޓުކުރަނީ ނޫރުލް އިސްލާމުންނެވެ. އެ ތިން މެމްބަރުންނަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ބޭފުޅަކާއި އިންޑިއާއަށް ނިސްބަތްދާ ދެ ބޭފުޅެކެވެ.
މީގެ އިތުރުން ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ފަރާތް ވަކިކޮށް، ކޮމްޕެނީ ސެކްރެޓަރީގެ ގޮތުގައި ރާއްޖޭގެ ލޯ ފާމެއް ވަނީ އައްޔަނުކޮށްފަ އެވެ.
ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ މެނެޖިންގް ޑިރެކްޓަރުގެ ސިޓީގައި ބުނެފައިވަނީ، ކުންފުންޏަށް ގެނައި ބަދަލާ އެކު، ދިވެހި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމަ އެއްގޮތަށް ކުޅުދުއްފުށި ހޮސްޕިޓަލުގެ މަސައްކަތްތައް ރަނގަޅަށް ކުރިޔަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.