15 Aug 2011, 11:09
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އާދިލް ސަލީމް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަށް ވަޑައިނުގެންނެވި މައްސަލަ އިމްތިޔާޒުގެ މައްސަލައެއްގެ ގޮތަށް ހުށަހަޅައިގެން ބަހުސް ފައްޓަވައިފި އެވެ.
މިމަހު 11 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާދިލް ސަލީމާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށް ސަބަބެއް ނާންގަވައި މަޖިލީހަށް ވަޑައިނުގެންނެވުމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދެވެ.
އިލްހާމް މި މައްސަލަ ހުށަހެޅުއްވުމުން މައްސަލައާ މެދު ބަހުސް ކުރަން ފެންނަ ކަމަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 25 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 17 މެންބަރުން ވޯޓު ދެއްވި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން އިލްހާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވާ ވަޒީރުން ޖަވާބުދާރީ ކުރުވުމަކީ ގާނޫނު އަސާސީންނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން މެންބަރުންނަށް ލާޒިމްމަކުރާ ކަމެއް ކަމަށެވެ. އަދި ވަޒީރުން މަޖިލީހަށް ޖަވާބުދާރީވުމަކީ އެ ވަޒީރެއްގެ މައްޗަށް ގާނޫނު އަސާސީން ލާޒިމް ކަމެއް ކަމަށާއި، މަޖިލީހަށް ޖަވާބު ނުދީފި ނަމަ އެ ވަޒީރަކާ މެދު އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅިދާނެ ކަމަށް ގާނޫނު އަސާސީގައި ބުނާ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
އަދި މަޖިލީހުގައި ކުރާ ސުވާލަށް ވަޒީރު ޖަވާޞުދާރީ ނުވުމަކީ ގާނޫނު އަސާސީއާއި، ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނާ ހިލާފްކަމެއް ކަމާށް ވެސް އިލްހާމް ވިދާޅުވި އެވެ.
"އެދުވަހު މަޖިލީހުން ނޯޓިސް ފޮނުވުމުން މަޖިލީހަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައި. ސަބަބެއް ނާންގަވައި ވަޑައިނުގަތުމަކީ، މަޖިލީހުގެ ގަދަރަށް އުނިކަން ލިބި ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ހުރަސް އެޅުމަށް ޓްރާންސްޕޯޓް މިނިސްޓާރު ކޮށްފައިވާކަމަމަށްވާތީ ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒުގެ މައްސަލައެއްގެ ގޮތަށް އެމައްސަލަ ހުށަހެޅުއްވީ މެވެ،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް މި މައްސަލަ ހުށަހެޅުއްވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ރައީސް ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ނިޒާމީ މައްސަލައެއް ނަންގަވައި، އިލްހާމަށް އެ މައްސަލަ ހުށަނޭޅުއްވޭނެ ކަމަށާއި، އެދުވަހުގެ ޖަލްސާއަށް މިނިސްޓަރު ވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިމިސްޓަރަށް މާލަމަށް ވަޑައި ނުގެންނެވުނީ ޕްރޮޓޮކޯލްގެ މައްސަލައަކުން ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، އެ ދުވަހުގެ ޖަލްސާއަށް ވަޑައިގަތުން ލަސްވެފައިވާތީ މައާފަށް އެދިވަޑައިގެން މިނިސްޓަރު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއް މެންބަރުންނަށް އަރުވާފައިވާނެ ކަމަށެވެ. އެހެންކަމުން ސަމީރު ނެއްނެވީ ނިޒާމީ މައްސަލައެއްނޫން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.