މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދު ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއާ ބައްދަލުކުރައްވައިފި އެވެ.

އެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންދެވުނު ކަމަށް ޓުވިޓާ މެދުވެރިކޮށް ދިވެހި ފޮރިން މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިޔޫގެ ވަފްދާއި ފޮރިން މިނިސްޓާރާއި ދެމެދު މަޝްވަރާ ކުރެވުނީ ކައުންޓާ ޓެރަރިޒަމްއާ ގުޅޭ ކަންތައްތަކާއި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ކަމަށެވެ. އަދި ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ވަނީ ބުނެފަ އެވެ.

އެ ވަފުދުގައި އެންމެ އިސް ބޭފުޅަކަށް ހުންނަވަނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)ގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު ފޯ އޭޝިއާ ޑިޕާޓްމެންޓް ޕައޮލާ ޕަމްޕަލޯނީ އެވެ. އޭނާއާ އެކު ވަފުދުގައި ހިމެނެނީ އީޔޫ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އިސްވެރިޔާ ޓުންގް ލައި މާގްއާއި އީއީއޭއެސްގެ ސައުތު އޭޝިއާ ޑިވިޝަނުގެ އިސްވެރިޔާ ކެރޮލައިން ވިނޮޓް އެވެ.

އީޔޫއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރާއްޖެއަށް އެ އިއްތިހާދުގެ އިސްވެރިންގެ ވަފުދުން ކުރާ ދަތުރުގައި ހޯމް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި އެންވާރަމެންޓް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރުގެ އިތުރުން ޑިފެންސް މިނިސްޓަރާއި ބަންޑާރަނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރާނެ އެެވެ. އަދި ރާއްޖޭގެ މައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކުގެ މަންދޫބުންނާ ވެސް ބައްދަލުކުރާނެ ކަމަށް އީޔޫ އިން ބުންޏެވެ.

މި ޒިޔާރަތަކީ އީޔޫއާއި ރާއްޖެއާ ދެމެދު އޮތް މަޝްވަރާތަކާއި އެއްބާރުލުން ދަމަހައްޓައި، ކުރިއެރުމަށް ޓަކައި ކުރާ ޒިޔާރަތެއް ކަމަށް އީޔޫ އިން ބުންޏެވެ.

އީޔޫގެ ވަފްދުން ވަނީ އިއްޔެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ވެސް ބައްދަލުކުރައްވައިފަ އެވެ.