އަންކާރާ (14 ޖެނުއަރީ):ތުރުކީން ސީރިއާގެ ބޯޑަރު ކައިރިއަށް ޓޭންކްތައް ޖަމާކޮށްފި އެވެ.

ތުރުކީން ޓޭންކްތައް ޖަމާކޮށްފައި ވަނީ ސީރިއާގެ އަފިރިންގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިން ނައްތާލާނެ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުއާން ވިދާޅުވިތާ ގަޑިއިރުތަކެއް ފަހުންނެވެ.

ތުރުކީގެ އަނަދަލޫ އޭޖެންސީ އިން ވެސް އިއްޔެ ވަނީ ސީރިއާގެ ބޯޑަރު ސަރަހައްދަށް ޓޭންކްތައް ޖަމާކުރަމުންދާ ކަމަށް ބުނެފަ އެވެ. ތުރުކީން އިއްޔެ ވަނީ ސީރިއާގެ އަފިރިންގައި ހަރަކާތްތެރިވާ ތުރުކީގެ ޕީކޭކޭ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ވެސް ދީފަ އެވެ.

އައިއެސް ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ ތުރުކީން ޔުފްރަޓީސް ޝީލްޑް މިލިޓަރީ އޮޕަރޭޝަން ސީރިއާގައި ފެށީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އެ އޮޕަރޭޝަން އަސްލު ކުރިއަށް ގެންގޮސްފައި ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ކުރުދީ ހަނގުރާމަވެރިން ފައްސާލުމުގެ ގޮތުންނެވެ.

ތުރުކީން ސީރިއާގެ އިމުގެ ތެރޭގައި ހިންގަމުންދާ އޮޕަރޭޝަންތައް ސީރިއާގެ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ކުއްވެރިކޮށްފަ އެވެ. އަދި އެ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލުމަށް ސީރިއާ އިން ވަނީ ގޮވައިލައިފަ އެވެ.

އައިއެސްއާ ދެކޮޅަށް ސީރިއާ އިން ކުރި ހަނގުރާމަ ގާތްގަނޑަކަށް ނިމިފައިވާ އިރު، ސީރިއާގެ އުތުރުގެ ބޮޑު ބައެއް މިހާރު ކޮންޓްރޯލް ކުރަމުންދަނީ ކުރުދީ ހަނގުރާމަވެރިންނެވެ.

މަސްދަރު: ޕްރެސްޓީވީ