14 Jan 2018, 12:56
ބެއިޖިންގް (ޖަނަވަރީ 14) : އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމަށް ބަދަލުތައް ގެނައުމަށް އެމެރިކާ އެދޭ އެދުމާ ދެކޮޅުހަދާކަން ޗައިނާ އާއި ރަޝިޔާ އިން ބުނެފި އެވެ.
އެކަމާ ބެހޭ ގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަކީ މިހާރު ވެސް އަމަލުކުރަމުން ގެންދާ އެއްބަސްވުމަކަށް ވާތީ ވަކި ގައުމެއްގެ މަސްލަހަތާ އެއްގޮތަށް އެ އެއްބަސްވުމަށް ބަދަލުގެންނަން ޗައިނާ ބޭނުންނުވާ ކަމުގަ އެވެ. އަދި އެއެއްބަސްވުމަކީ ކާމިޔާބު އަދި އަގުބޮޑު އެއްބަސްވުމެއް ކަމަށްވާތީ އެ އެއްބަސްވުމާ ދެކޮޅަށް އެމެރިކާ ދައްކާ ބަހަނާތައް ގަބޫލުކުރެވެން ނޯންނާނެ ކަމަށް ވެސް ޗައިނާގެ ބަޔާން ބުނެ އެވެ.
ރަޝިޔާ އިން ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކައިފަ އެވެ. ރަޝިޔާގެ ޚާރިޖ ވަޒީރުގެ ނައިބު ސަރްގީ ރިޔަބްކޯވް ވިދާޅުވީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަކީ ދެން އެއަށް ބަދަލުގެނެވޭނެ އެއްބަސްވުމެއް ނޫން ކަމަށާއި އެކަމާ ރަޝިޔާ ދެކޮޅު ހަދާނެ ކަމުގަ އެވެ. އަދި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން ވަކިވާންޖެހިދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާ އިންޒާރުތައް ގަބޫލުނުކުރެވޭނެ ކަމަށް ވެސް ރިޔަބްކޯވް ވިދާޅުވި އެވެ.
ޗައިނާ އާއި ރަޝިޔާއަކީ 2015 ވަނަ އަހަރު ސޮއިކުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި ޝާމިލްވާ ބާރުގެ ތެރެއިން ދެބާރެވެ. އަނެއް ތިންބާރުކަމަށްވާ ޖަރުމަނާއި ފަރަންސޭސިވިލަތާއި އިނގިރޭސިވިލާތުން ވެސް ވަނީ އެ އެއްބަސްވުމަށް ބަދަލުތައްގެނައުމަށް އެމެރިކާ އެދޭ އެދުމާ ދެކޮޅުހަދާ ކަމަށް ބުނެފަ އެވެ.
އެމެރިކާ އެއެއްބަސްވުމުން ވަކިވި ނަމަވެސް އެ އެއްބަސްވުމަށް އަމަލުކުރުމުގައި ދެމިއޮންނާނެކަން ޔޫރަޕްގެ މިތިން ގައުމުން ބުނެފައިވެ އެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުން ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ވެސް ހިމަނައިގެން އެޕްރޮގްރާމް ވެސް ހުއްޓުވުމަށެވެ. އެއީ އިސްރާއީލު އެކަމަށް އެދޭތީ އެވެ. މީގެ އިތުރުން އީރާނުން ޓެރަރިޒަމަށް އެހީތެރިވާ ކަމަށް ބުނެ ސަރަހައްދީ ފެންވަރުގައި އީރާން ހިންގާ ޖިއޮޕޮލިޓިކަލް ހަރަކާތްތައް ހުއްޓުވުން ވެސް ނިއުކްލިޔާ އެއްބަސްވުމުގައި ހިމަނަން ޓްރަމްޕް ބޭނުންވެ އެވެ.
ނަމަވެސް އޮބާމާގެ ވެރިކަމުގައި އެމެރިކާ ވަނީ މިކަންކަމާއި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ނުގުޅުވުމަށް ނިންމައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެދުވަސްވަރު މި މައްސަލާގައި އިސްރާއީލުން އޮބާމާގެ ސަރުކާރަށް ކުރިމަތިކުރި ފިއްތުންތަކަށް އޮބާމާ ބޯލަނބާފައެއް ނުވެ އެވެ.
ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެދޭ ބަދަލުތަށް ތިންމަސްތެރޭގައި ގެނެސް އަލުން އެއެއްބަސްވުން އެކުލަވާލުމަށް ދެކޮޅުހަދާ ނަމަ އެމެރިކާ އެއެއްބަސްވުމުން ވަކިވާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ. ޓްރަމްޕް މިހެން ވިދާޅުވީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާ ގުޅިގެން އެމެރިކާ އުވާލި ދަތިކުރުމުގެ ފިޔަވަޅުތައް އަދި އިތުރު ތިންމަސްދުވަހަށް އުވާލާފައި ބޭއްވުމަށް ނިންމެވުމަށް ފަހު ދެއްވި ބަޔާނުގަ އެވެ. މިބަޔާނުގައި މިއީ ނިއުކްލިޔާ މައްސަލާގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައި ބޭއްވުމަށް އޭނާގެ ސަރުކާރުން ނިންމާ އެންމެ ފަހު ފަހަރުކަމަށް ވެސް ޓްރަމް ވިދާޅުވެފައިވެ އެވެ.
އީރާނުން ވަނީ އެމެރިކާ ބޭނުންވި ނަމަވެސް ނިއުކްލިޔާ އެއްބަސްވުމަށް ބަދަލުނުގެނެވޭނެ ކަމާއި ބަލިސްޓިކް މިސައިލް ޕޮރޮގްރާމާއި ސަރަހައްދުގެ ގައުމުތަކުގައި ހިންގާ ޖިއޮޕޮލިޓިކަލް ހަރަކާތްތައް ވެސް ހުއްޓާނުލާނެ ކަމުގެ މެސެޖް އެމެރިކާއަށް ދީފަ އެވެ. އަދި ނިއުކްލިޔާ އެއްބަސްވުމުން ވަކިވުމަށް ޓްރަމްޕް ނިންމަވައިފި ނަމަ ރައްދުގައި އީރާނަށް ވެސް ކުރެވޭނެ ކަންތައްތަކެއް އެބަހުރިކަމުގެ އިންޒާރު ޓްރަމްޕަށް ދިނުމަށް ފަހު އީރާނުން ވަނީ ނިއުކްލިޔާ ޕްރޮގްރާމް ތަރައްގީ ކުރުމަށް ބޭނުންވާ ބައެއް މެޝިނަރީ އުފެއްދުމަށް ވެސް ނިންމާފަ އެވެ. މިއީ ނިއުކްލިޔާ އެއްބަސްވުމާ ގުޅިގެން އުފެއްދުން ހުއްޓާލާފައިވާ މެޝިންތަކެކެވެ. މިމެޝިންތައް އުފެއްދުން މަނާކަން ނިއުކްލިޔާ އެއްބަސްވުމުގައި ފާހަގަކޮށްފައިނުވާތީ މިތަކެތި އުފެއްދޭނެ ކަމަށް އީރާނުން ބުނެ އެވެ.
އީރާނުގެ ނިއުކްލިޔާ އެއްބަސްވުން އުވާލައިފި ނަމަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިއުކްލިޔާ ބޮން އުފެއްދޭވަރުގެ ނިއުކްލިޔާ އިންފްރާސްޓްރަކްޗާ އާއި އެކަމަށް ބޭނުންވާ އިލްމީ ގާބިލްކަން އީރާނަށް ލިބިގެންވާ ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން ބުނެ އެވެ. (ނޫސްއެޖެންސީތައް)