15 Aug 2011, 10:14
އިނގިރޭސިވިލާތުގެ ލަންޑަނުން ފުރައިގެން އޮސްޓްރޭލިއާގެ ސިޑްނީއަށް އެއް ގަޑިއިރުން ދަތުރު ކުރެވޭ، ދުނިޔޭގެ އެންމެ ބާރަށް ދުވާ މަތިންދާބޯޓް ކަމަށް ވާނެ ކަމަށް އުއްމީދުކޮށް، އެމެރިކާގެ ސައިންސްވެރިން އުފެއްދި މަތިންދާބޯޓް ޓެސްޓް ދަތުރުގައި ގެއްލިއްޖެ އެވެ.
ޓެސްޓް ކުރުމަށް ޓަކައި އުފެއްދި، މީހުންނާ ނުލައި އުދުހޭ ދަ ފެލްކަން އެޗްޓީވީ-2 ސްޕާ ޕްލޭން ޓެސްޓް ކުރުމަށް ޓަކައި އުދުއްސާލީ ކެލިފޯނިއާގައި އޮންނަ ރޮކެޓް ޕެޑަކުންނެވެ. އަދި އެބޯޓް ގެއްލުނީ ޕެސިފިކް ކަނޑާ ދިމާލު މަތީގައި އުދުއްސަމުން ދަނިކޮށް ކަމަށް ބޯޓް އުފެއްދި އެމެރިކާގެ ސައިންސްވެރިންނާ ހަވާލާދީ ނިއުސްލައިޓްގައިވެ އެވެ.
ބޯޓް އުދުއްސާލުމުގެ ކަންތައް އެންމެ ރަނގަޅަށް ދިޔަ ނަމަވެސް އުދުއްސާލިތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި ކޮންޓްރޯލް ގެއްލުމުން ކަނޑަށް ވެއްޓުނީކަމަށް ބެލެވޭ ކަމަށް ބޯޓް އުފެއްދި ޔޫއެސް ޑިފެންސް އެޑްވާންސްޑް ރިސާޗް އެޖެންސީ )ޑީއޭއާރް ޕީއޭ( އިން ބުނެ އެވެ.
ޑީއޭއާރް ޕީއޭގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. ކްރިސް ޝުލްޒް ވިދާޅުވިކަމަށް ނިއުސްލައިޓްގައި ވަނީ އެއެޖެންސީގެ ސައިންސްވެރިންނަށް މަތިންދާ ބޯޓް އަޑަށް ވުރެ އެތައް ގުނަ ބާރަށް ދަތުރުކުރާ ގޮތަށް އުފެއްދުމުގެ ކުޅަދާނަކަން ލިބިފައިވެ އެވެ. ނަމަވެސް އެފަދަ ބާރުމިނުގައި އެބޯޓް ކޮންޓްރޯލް ކުރުމުގެ ކުޅަދާނަކަން އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.