ސަންއާ (ޖެނުއަރީ 14): ޔަމަނުގެ ނައިބު ރައީސް އަލީ މުހުސިން އަލް އަހުމަރުގެ ދަރިޔަކު ހޫޘީ ހަނގުރާމަވެރިން ވަގަށް ނަގައިފި ކަމަށް އަލް އަރަބިއާ ނޫހުން ބުނެފިއެވެ.

އެ ނޫހުގައިވާ ގޮތުން މުހުސިން އަލީ މުހުސިން ވަގަށް ނަގާފައި ވަނީ ބައިތުލް އަމްރު ކިޔާ އަވަށެއްގައި ހުންނަ ނައިބު ރައީސްގެ ގެކޮޅަށް ހަމަލާދީ، އެގެއަށް ވަނުމަށް ފަހުގައެވެ. އަދި ހޫޘީން އެގޭގައި ތިބި ގާޑުން ވެސް ގެންގޮސްފައިވާ ކަމަށް އަލް އަރަބިއާއިން ބުނެއެވެ.

ޔަމަނުގެ ނައިބު ރައީސް ކަމަށް އަލީ މުހުސިން އައްޔަން ކުރެއްވީ ރައީސް އަބްދުއްރައްބު މަންސޫރު ހާދީއެވެ. ހޫޘީ ހަނގުރާމަވެރިން 2015 ވަނަ އަހަރު ހާދީގެ ސަރުކާރު ވައްޓާލި ނަމަވެސް ބައިނަލްއަގުވާމީ ދުނިޔެއިން ގަބޫލުކުރާ ގޮތުގައި އެގައުމުގެ ރައީސަކީ ހާދީއެވެ.

އަދި ހާދީގެ ސަރުކާރުގެ ދިފާއުގައި ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނަކުން ވަނީ ހޫޘީންނާއި ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ތާއިދުކުރާ ފަރާތްތަކަށް ހަމަލާތައް ދޭން ފަށައިފައެވެ. ނަމަވެސް ސައުދީ އަރަބިއާއިން ޔަމަނުގެ ބޯޑަރުތައް ބަންދުކުރި ފަހުން އެގައުމާ ވާހަކަދައްކަން ތައްޔާރަށް ހުންނެވި ކަމަށް ސާލިހު ވިދާޅުވުމާ ގުޅިގެން ހޫޘީން ދިން ހަމަލާއެއްގައި ސާލިހު ވަނީ އަވަހާރަވެފައި ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޔަމަނުގެ ހަނގުރާމައިގެ ސަބަބުން އެގައުމަށް މިހާރު ވަނީ އިންސާނި ބޮޑު މުސީބާތެއް ޖެހިފައެވެ. އެގޮތުން އެ ހަނގުރާމައިގައި 10،000އަށް ވުރެ ގިނަ މީހުން މަރުވެ، މިލިއަނަކާ ގާތްކުރާ ވަރަށް މީހުންނަށް ކޮލެރާ ޖެހިފައިވާ ކަމަށް އެހީ ފޯރުކޮށްދޭ ޖަމްއިއްޔާތަކުން ބުނެއެވެ. (އަލްއަރަބިއާ)