14 Jan 2018, 03:32
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ ކަމުން ޑރ. ކަމަލް ޖޯޖް އިސްތިއުފާ ދެއްވުމަކީ ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް އެ ހޮސްޕިޓަލު ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) ގެ އެއް ޑިރެކްޓަރު އުސައިދު އަލީ ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލުގެ ސީއީއޯ ކުއްލި ގޮތަކަށް އިސްތިފާ ދެއްވުމާ ގުޅިގެން "ސަން"އިން ދެެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އުސައިދު ވިދާޅުވީ ޑރ. ކަމަލް އަކީ މީގެކުރިން ކުޅުދުއްފުށީގައި ޑޮކްޓަރެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވާ އެތަށު ރައޔްިތުންގެ އިތުބާރު ލިބިވަޑައިގެން ހުންނެވި ގާބިލު ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑާ މަޝްވަރާ ކުރި އިސްތިއުފާ ދެއްވުމުގެ ކުރިން. ޑރ. ކަމަލް އިސްތިއުފާ ދެއްވަމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް. ޑރ. ކަމަލް އަކީ ކުޅުދުއްފުށީ ރައްޔިތުން ދަންނަ ކުޅުދުއްފުއްޓަށް ހެޔޮ އެދޭ ބޭފުޅެއް،" އުސައިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑރ. ކަމަލްގެ އިސްތިއުފާއިން ވެސް އެނގިގެން ދަނީ ނިމްސްގެ އިންޑިއާ ޕާޓްނަރުގެ "ދޯހަޅި"ކަން ކަމަށާއި ޑރ. ކަމަލް އަށް މިފަހުން ހިނގާދިޔަ ހުރިހާ ކަމެއްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ސީއީއޯ އަށް މުސާރަ ނުދެވި އޭނާ މަގަމުން އިސްތިއުފާ ދެއްވި އިރު އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ނިމްސްގެ އިންޑިއާ ޕާޓްނަރު ކަމަށް އުސައިދު ވިދާޅުވިއެވެ.
"އިންޑިއާ ކުންފުނިން މިކަމަށް އެބަޖެހޭ ޒިންމާ ނަގަން. އެތައް ފަހަރަކު މުސާރަ ހަމަޖެއްސުމަށް ސީއީއޯ ވަނީ އެދިފައި. ސީއީއޯ ވަކިވި އިރު ކޮށްފައިވާ ތުހުމަތު ތަކަކީ ކަން ހިނގަމުން ދިޔަ ގޮތް،" އުސައިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހިއްސާ ދާރުގެ ހައިސިއްޔަތުން ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާނަށް ބަރާބަރަށް ހުރިހާ ކަމެއްގެ މައުލޫމާތު އަރުވަމުން ދިޔަ ކަމަށާއި ނަމަވެސް "އޭރުވެސް އެއްވެސް ކަމަކަށް އަޅާ ނުލައްވާ" ކަމަށެވެ. އަދި ބޮޑެތި މައްސަލަތަކެއް ހޮސްޕިޓަލް ތެރެއިން ހިނގަމުން ދިޔައިރުވެސް އެއިން އެއްވެސް ކަމެއް ހައްލު ކުރުމުގެ ވިސްނުން ފައިޒަލް ޚާން ނުގެންގުޅޭ ކަމަށް އުސައިދު ވަނީ ތުހުމަތު ކުރައްވާފައެވެ.
"އާސަންދައަށް މަކަރު ހެދުން ފަދަ ބޮޑެތި ކަންކަމުގައި އަޅުގަނޑު ވާނީ މައުލޫމާތު ހިއްސާކޮށްފައި. ނަމަވެސް ވިދާޅުވަނީ މިއީ ބިޒްނަސްއޭ. އެއްވެސް ކަމެއް ހައްލު ކުރާކަށް މަސައްކަތެއް ނުކުރޭ،" އުސައިދު ވިދާޅުވިއެވެ.
އުސައިދު ވިދާޅުވިގޮތުގައި އޭނާ އޭރުވެސް މިހަރުވެސް މަސައްކަތް ކުރައްވަނީ ދިވެހި ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރި ފެންވަރުގައި ތަރައްގީ ކުރުމަށް ކުރަމުންދިޔަ މަސައްކަތް ހަރުދަނާކަންމަތީ ކުރުމަށެވެ.
"ފައިޒަލް ޚާން ބޭނުންވަނީ ހޮސްޕިޓަލް އާދައިގެ ކްލިނިކެއް ގޮތައް ހިންގަން. އެހެން އެކަމެއް ނުކުރެވޭނެ. ސަރުކާރުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކުޅުދުއްފުށީ ހޮސްޕިޓަލާ މެދު. އެއިން އެއްވެސް ކަމެއް ފުނޑުފުނޑުވެގެންދާ ވަރުގެ ކަމަކަށް ޖާގައެއް ނުދެވޭނެ،" އުސައިދު ވިދާޅުވިއެވެ.
ޑރ. ކަމަލް މީގެ މަސްދުވަސް ކުރިން އިސްތިއުފާގެ ނޯޓިސް ދެއްވާފައިވާއިރު އޭނާ އިސްތިއުފާދެއްވީ ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު ފައިޒަން ޚާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހުއެވެ.
ޑރ. ކަމަލް "ސަން" އަށް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުން ދައްކަންޖެހޭ ބިލްތައް ނުދައްކައި ފުނިޖެހިފައިވާ ކަމަށެވެ. އޭނާ ތުހުމަތުކުރާގޮތުގައި އެގޮތަށް އެކަން މެދުވެރިވަނީ ފައިޒަލް ޚާން ފައިސާ ނުފޮނުވާތީއެވެ.
އެ ހޮސްޕިޓަލްގެ ތަރައްގީއަށް ހިންގަންޖެހޭ ޕްރޮޖެކެޓްތައް ހުއްޓިފައި ވަނީ ފައިޒަލް ޚާންގެ ސަބަބުން ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.
"ފައިސާ ފޮނުވަންޖެހޭ ޕްރޮޓޮކޯލެއް އޮވޭ. އެ ޕްރޮޓޮކޯލްގައިވާގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ފޮނުވަންޖެހޭ ހުރިހާ ފައިސާއެއް ވެސް ފޮނުވަންޖެހޭނީ ސީއީއޯ މެދުވެރިކޮށް. ނަމަވެސް އެފަދަ އެއްވެސް މުއާމަލާތެއް ކުރެވިފައެއް ނުވޭ،" ޑރ. ކަމަލް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމުގައި ދިވެހި ހިއްސާދާރުންނާއި އިންޑިއާގެ ހިއްސާދާރުންނާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެފައި ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތައް ހުއްޓުމެއް ނެތި ދޭނެ ކަމުގެ ޔަގީންކަން އެރަށު ރައްޔިތުންނަށްދޭ ކަމަށެވެ.