ކްލަބު ވެލެންސިއާ މަރުނުވާ ކަމަށާއި، ދިރި އެބައޮތް ކަމަށް އެ ކްލަބުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ބުނެފިއެވެ.

ވެލެންސިއާގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ރަސްމީކޮށް ތައާރަފްކޮށްދިނުމަށާއި އެ ކްލަބުން އަންނަ ސީޒަނަށް ވަމުންދާ ތައްޔާރީތައް ނޫސްވެރިންނާ ހިއްސާކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝިބާ ބުނީ ވެލެންސިއާ އަދިވެސް ދިރި އޮތްކަމުގެ ވާހަކަ ބުނަން ޖެހުނީ ބައެއް މީޑިއާތަކުންނާއި އެހެނިހެން ގޮތްގޮތުން ވެލެންސިއާއާ ދޭތެރޭ ވާހަކަ ދައްކަމުންދާތީ ކަމަށެވެ.

އޭނާ ބުނީ ވެލެންސިއާ ދަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން ކަމަށާއި ސީޒަންގައި ކުރިއެރުންތައް ފެންނާނެ ކަމަށެވެ. އަދި އަންނަ ސީޒަނަށް ހަމަޖެއްސި ކޯޗު ސޮބާއަކީ ފުރަތަމަ ޑިވިޝަންގައި ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ތަޖުރިބާހުރި، ކްލަބުން އިތުބާރުކުރާނެ ކޯޗެއް ކަމަށް ވެސް ޝިބާ ބުންޏެވެ.

"ޓްރެކް ރެކޯޑު ރަނގަޅު، ދިވެހި ޕްރިމިއާ ލީގުގައި މަސައްކަތް ކޮށްފައިހުރި، ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުގައިވެސް ކުޅެ، ކާމިޔާބީތަކެއް ހޯދާފައިހުރި، އަޅުގަނޑުމެންނަށް އިތުބާރު ކުރެވޭ ކޯޗެއް ސޮބާއަކީ،" ޝިބާ ބުންޏެވެ.

އޭނާ ބުނީ ނިމިދިޔަ ސީޒަނަކީ ފިލާވަޅެއް ކަމަށާއި، އަންނަ ސީޒަންގައި އެ ތަޖުރިބާތަކުން ޓީމު ރަނގަޅުކުރަން ވިސްނާނެ ކަމަށެވެ.

"އުންމީދަކީ މިދިޔަ އަހަރު ކުރެވުނު ތަޖުރިބާއިން އިބުރަތް ލިބިގަނެ 2018 އަކީ 2017 އަށްވުރެ ކާމިޔާބު އަހަރަކަށް ހެދުން. ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުންދާނީ. މިދިޔަ ސީޒަންގައި ގަދަ ހައެއްވެސް، ގަދަ ހަތަރެއްވެސް ނުލިބުނު. އެހެންވީމަ މި ސީޒަންގެ ފުރަތަމަ ޓާގެޓަކީ ޓީމު ރީބިލްޑް ކުރުމާއި މިދިޔަ އަހަރު އޮތް ހަރުފަތަށްވުރެ މައްޗަށް ދިއުން،" ޝިބާ ބުންޏެވެ.

ޝިބާ ބުނީ މިއީ އައު ފެށުމެއް ނޫން ކަމަށާއި، ނިންމުމެއްގެވެސް ފެށުމެއް ނޫން ކަމަށެވެ. އަދި މިއީ ދެމިގެންދާނެ މަސައްކަތެއް ކަމަށްވެސް އޭނާ ބުންޏެވެ.

"މިއީ ކުރިންވެސް ކުރެވެމުންދާ މަސައްކަތެއް. ތަޖުރިބާތަކެއްގެ އަލީގައި ލިބުނު ފިލާވަޅުތަކަކުން ކުރިއަށް ދާނީ. މެނޭޖްމަންޓާއި ސަޕޯޓަރުންގެވެސް އުންމީދަކީ ފުޓުބޯޅަ ކުރިއަށް ދިއުން. ކްލަބު ވެލެންސިއާ ކުރިއަށް ދިއުން،" އޭނާ ބުންޏެވެ.

ނިމިދިޔަ ސީޒަން ވެލެންސިއާއިން ނިންމާލީ މާލޭ ލީގުގެ ފުލުގައެވެ. ދެހާސް ސޯޅަ ވަނަ އަހަރު އެފްއޭ ކަޕު ކާމިޔާބުކުރި ވެލެންސިއާއަށް އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުން ޖާގަ ލިބުނު ނަމަވެސް އެޓީމު ވަނީ އިންޑިއާގެ މޯހަން ބަގާންއާ ވާދަކޮށް ކޮލިފިކޭޝަންގެ ފަހު ބުރުން ކަޓައިފައެވެ.