ކްލަބު ވެލެންސިއާގެ ފުރަތަމަ މަސައްކަތަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން ކަމަށް އެ ކްލަބާ އަންނަ ސީޒަނަށް ހަވާލުވި ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފިއެވެ.

ވެލެންސިއާގެ ކޯޗު ރަސްމީކޮށް ތައާރަފްކޮށްދިނުމަށާއި އެކްލަބުން އަންނަ ސީޒަނަށް ވަމުންދާ ތައްޔާރީތައް ނޫސްވެރިންނާ ހިއްސާކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސޮބާ ބުނީ ވެލެންސިއާއިން އޭނާއަށް ކުރި އިތުބާރާއެކު ވިސްނާނީ ހަރުފަތަކަށްފަހު ހަރުފަތަކުން ގޮސް، ވެލެންސިއާގެ ކުރީގެ މަގާމަށް ގެންދިއުމަށް ކަމަށެވެ.

ސޮބާ ބުނީ ކްލަބު ވެލެންސިއާއަކީ ހަނދާން ހުންނަން ފެށީއްސުރެ ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބު ކަމަށާއި، މިއީ ކޯޗިން ކެރިއަރުގައި ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

"ވަރަށް ގިނަ ބަޔަކު ޝާމިލްވާ ވަރަށް ގިނަ ސަޕޯޓަރުންތަކެއް އޮތް ކްލަބެއް ވެލެންސިއާއަކީ. މިއީ ޗެލެންޖެއް. އުނދަގޫވެސް ޗެލެންޖެއް. އަޅުގަނޑަކީ އެކަމަކު ޗެލެންޖާ ކުރިމަތިލާން ކެރޭ މީހެއް. ގިނަ ފަހަރު ކުރިމަތިލައި ޗެލެންޖް ކާމިޔާބުކޮށްވެސް ކޮށްފައިވާނީ،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ ވެލެންސިއާގެ މެނޭޖުމަންޓުން އޭނާ ބޭނުންވާ ސަޕޯޓު ދޭ ނަމަ ބަލަންތިބި އެންމެނަށް ކުރީގެ ވެލެންސިއާ އަނބުރާ ގެނެސްދޭނެ ކަމަށެވެ. އަދި އޭނާގެ އެންމެ ބޮޑު ޓާގެޓަކީވެސް އެއީ ކަމަށް ސޮބާ ބުންޏެވެ.

ސޮބާ ބުނީ އޭނާގެ ފުރަތަމަ މަސައްކަތަކަށް ވާނީ ޓީމު އަލުން "ރީ ބިލްޑް" ކުރުން ކަމަށާއި، ކާމިޔާބަކީ ހަރުފަތަކަށްފަހު ހަރުފަތަކުން ލިބޭ އެއްޗެއް ކަމަށެވެ.

"ކްލަބު ވެލެންސިއާގައި ވޭތުވެދިޔަ ދެތިން ސީޒަނެއްގައިވެސް ރަނގަޅު ޓީމެއް އޮތީ. މާ ބޮޑަށް ހަލާކު ނުވެ އޮތްނަމަވެސް ހަމަ ޓީމެއް ރީ ބިލްޑް ކުރަން ޖެހިފައި މިއޮތީ. މުޅި ސީޒަންގައި އަޅުގަނޑާއެކު މެނޭޖުމަންޓުން ދޭންވާ އެއްބާރުލުން ދީފިއްޔާ ޓީމު މިއަދު މިއޮތް ހާލަތުން އަނެއް ހާލަތަށް ގެންގޮސްދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް،" އޭނާ ބުންޏެވެ.

މިދިޔަ ސީޒަނަކީ ނިމިފައިވާ ކަމެއް ކަމަށް ކަމަށް ބުނެ، ގްރީން ސްޓްރީޓްސްއާއެކު ދިމާވި ކަންތައްތަކަށް ސޮބާ ވަނީ ކުޑަކޮށް އަލިއަޅުވާލައިފައެވެ.

"މިދިޔަ ސީޒަންގައިވެސް ޓީމަށް ހުރިހާ ކަމެއް ރަނގަޅަށް ދިޔައިރު ނަތީޖާވެސް ރަނގަޅަށް ދިޔައީ. ފަހުން އައިސް ޓީމަށް މައްސަލަތަކެއް ދިމާވުމުން ޓީމުގެ ނަތީޖާއިން އެކަން ދެއްކި. އެހެން ނަމަވެސް ރަނގަޅަށް ފުޓުބޯޅަ ދަންނަ މީހެއް ނަމަ، އޭނާގެ ވޭތުވެދިޔަ ސީޒަން ސިފަކުރާނީ ކާމިޔާބު ސީޒަނެއްގެ ގޮތުގައި،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ ވެލެންސިއާ އޮތް ހާލަތު އެނގޭ ކަމަށާއި، އޭނާ ނުކުންނާނީ ޕްލޭނަކާ އެކު ކަމަށެވެ. އަދި އޭނާގެ 100 ޕަސެންޓް ކުލަބަށް ދޭނެ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ސޮބާގެ ކޯޗިން ކެރިޔަރު ފުރަތަމަ ފެށީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. ޕްރެޒިޑެންޓްސް ކަޕް 2015ގައި ސޮބާ ނިއުއަށް އިރުޝާދު ދިން އިރު، އޭނާ ވަނީ އެ މުބާރާތުގެ ރަނަރަޕްކަން އެ ކްލަބަށް ހޯދައިދީފައެވެ.