ޑިމޮކްރަސީއަށް އެހީތެރިވުމުގެ ނަމުގައި މިސްރުގެ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް އެމެރިކާ ރާވާފައިވާ ޕްލޭންތައް ފޭލްވެ އޭގެ ނަތީޖާ އެމެރިކާ ޚިޔާލުކުރިގޮތާ ދިމާއިދިކޮޅަށް ފެންނަންފަށައިފި އެވެ.

އެމެރިކާގެ "ލޮސްއެންޖެލެސް ޓައިމްސް" ގެ މުރާސިލް މިސްރުގެ ޤާހިރާއިން ފޮނުވާފައިވާ ރިޕޯޓެއްގައިވާ ގޮތުން ޑިމޮކްރަސީއަށް އެހީތެރިވުމުގެ ނަމުގައި މިސްރުގެ ސިޔާސީ ޕާޓީތަކަށް 65 މިލިޔަން ޑޮލަރު ގެ ހިލޭއެހީއެއް ދިނުމަށް އެމެރިކާ ކުރަމުން ގެންދާ މަސައްކަތާމެދު މިސްރުގެ ރައްޔިތުންނާއި މިސްރުގައި ވަގުތީގޮތުން ވެރިކަންކުރާ ޢަސްކަރީ މަޖިލިސް ވަނީ ވަރަށް ބޮޑަށް ނުރުހިފައެވެ.

މިފަރާތްތަކުން އެމެރިކާގެ އެހީއާމެދު ދެކެނީ އެއީ އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައި މިސްރު އަލުން ބޭއްވުމަށާއި މިސްރަށް ރައްޔިތުންގެނައި މިނިވަން އިންޤިލާބު ފަސާދަ ކޮށްލުމަށްޓަކައި މިސްރުގެ ސިޔާސީ ޕާޓީތަކަށް އެމެރިކާ ދޭ ރިޝްވަތެއް ކަމުގައެވެ.

ޑިމޮކްރަސީއަށް އެހީތެރިވުމުގެ ނަމުގައ އެމެރިކާދޭ މިއެހީއަކީ މިސްރުގައި އެމެރިކާގެ މަސްލަޙަތު ޙިމާޔަތް ކުރުމަށާއި މިސްރުގެ ކުރީގެ "ޑިކްޓޭޓަރުން" އިސްރާއީލާއެކު ސޮއިކުރައްވާފައިވާ ކޭމްޕް ޑޭވިޑް ސުލްހައިގެ މުޢާހަދާ ސަލާމަތް ކުރެވޭތޯ އެމެރިކާ ދޭ ރިޝްވަތެއް ކަމުގައި މިސްރުގައި ސިފަކުރެވޭތީ އެމެރިކާގެ މިއެހީގައި ހިފުމަށް މިސްރުގެ ސިޔާސީ ޕާޓީތައް ފަސްޖެހިފައިވާ ކަމަށް ލޮސްއެންޖެލެސް ޓައިމްގެ ރިޕޯޓް ބުނެއެވެ.

ޑިކްޓޭޓަރުންގެ ގޮތުގައި މިސްރުގައި ސިފަކުރެވޭ އެޤައުމުގެ ކުރީގެ ވެރިންގެ ފަހަތުގައި އޮވެގެން އެ ނިޒާމްތައް ޙިމާޔަތްކޮށް ދެމެހެއްޓުމުގެ ޒިންމާ މިސްރުގެ އިންޤިލާބީ އެކްޓިވިސްޓުން އަޅުވަނީ އެމެރިކާގެ ބޮލުގައެވެ. މިސްރަށް އެމެރިކާ ފޯރުވަމުން ގެންދިޔަ ޒަމާންވީ ބާރާއި ނުފޫޒުތައް ޙުސްނީ މުބާރަކްގެ ވެރިކަން ވެއްޓުުމާއެކު ކެނޑިގެންދިޔުން އެމެރިކާއަށާއި އިސްރާއީލަށް ހަޖަމުނުކުރެވޭ ކަމަށް މިސްރުގައި ޝާޢިޢުކުރެވޭ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އަދި ކުރީގެ ބޯދާ ނުފޫޒު އަލުން އިޢާދަކުރުމަށް އެމެރިކާއާއި އިސްރާއީލު ކެތްމަދުވެފައިވާ ކަމަށާއި ޙުސްނީ މުބާރަކްގެ ވެރިކަމާއެކު ބޭރުކޮށްލެވުނު އެެމެރިކާގެ ނުފޫޒުތައް މިސްރުގެ ސިޔާސީ ޕާޓީތަކަށް ފައިސާގެ ރިޝްވަތު ދީގެން އަލުން އިޢާދަކުރުމަށް ޤާހިރާގައި ހުންނަވާ އެމެރިކާގެ ސަފީރާ މިސް އޭން ޕެޓްރިސަން މަސައްކަތްކުރައްވާ ކަމަށްބުނެ މިސްރުގެ ނޫސްތަކުން އޭނާއަށް ބަހުގެ ޙަމަލާތައް ދޭންފެށުމުން އެމެރިކާގެ ޚާރިޖިއްޔާއިންވަނީ ޕެޓްރިސަންގެ ދިފާޢުގައި ވާހަކަ ދައްކާފައެވެ.

އެމެރިކާއަކީ މިސްރު ރައްޔިތުންގެ އުންމީދުތަކަށް ހުރަސްއަޅާ، ޑިމޮކްރަސީއާ އިދިކޮޅު، އަމިއްލަ އެދުމުން ފުރިފައިވާ ދެފުއްދެގޮތް ޤައުމެއްގެ ގޮތުގައި މިސްރުގެ ރައްޔިތުންގެެ މެދުގައި ސިފަކުރެވެމުންދާތީ އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ ވިކްޓޯރިޔާ ނޮލޭންޑް ވަނީ އެކަމާމެދު ހިތާމަކުރައްވާ ކަމަށާ އެމެރިކާއަކީ އެފަދަ ނުބައި ޤައުމެއް ނޫންކަމަށް ވިދާޅުވެ އެމެރިކާގެ ދިފާޢުގައި ވާހަކަ ދައްކަވާފައެވެ.

ވިކްޓޯރިޔާ ވިދާޅުވެފައިވަނީ މިސްރުގެ މީޑިޔާގައާއި މިސްރު ރައްޔިތުންގެ އާންމު ވާހަކަތަކުގައި އެމެރިކާ ނުބައިޤައުމެއްގެ ގޮތުގައި ސިފަކުރުމަކީ އިންސާފެއްނޫން ކަމުގައެވެ. އަދި އެމެރިކާއަކީ މިސްރު ރައްޔިތުންގެ ދުޝްމަނެއްގެ ގޮތުގައި މިސްރުގެ އާންމުންގެ މެދުގައި ސިފަކުރެވެމުން ދިޔުމަކީ ދެރަކަމެއް ކަމަށްވެސް މިދިޔަ ހަފްތާގައި ދެއްވި ބަޔާނެއްގައި އެެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ ވިކްޓޯރިޔާ ނޮލެންޑް ވިދާޅުވެފައިވެއެވެ.

މިސްރަކީ ބާރުގަދަ ކުރިއަރާފައިވާ ޑިމޮކްރެޓިކް ޤައުމަކަށްވުމަށް އެމެރިކާ އެދޭކަމަށް ވިދާޅުވެ މިސްރު މީޑިޔާގައާއި މިސްރު ރައްޔިތުންގެ މެދުގައި އެމެރިކާގެ ސޫރަ ރީތިކުރުމަށް ވިކްޓޯރިޔާ މަސައްކަތް ކުރައްވާފައިވެއެވެ. އެމެރިކާގެ އެހީއާއެކު މިސްރުގައި ޚުދުމުޚްތާރު ވެރިކަމެއްކުރި ހުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމަށްފަހު މިސްރު ކުރިމަތިލާފައިވަނީ ދިމުޤްރާތީ އިންތިޚާބަކާ ދިމާއަށެވެ.

އެހެންކަމުން މިނިވަން އިންތިޚާބަކަށް މިސްރު މސްރާބު ޖަހާފައިވާ މިދުވަސްވަރު، ޑިމޮކްރަސީ އަށް އެހީތެރިވުމުގައި މިސްރުގެ ސިޔާސީ ޕާޓީތަކަށާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެމެރިކާ ދިނުމަށް މަސައްކަތްކުރާ ހިލޭއެހީއާ މެދު އެތަކެއް ސުވާލުވަނީ އުފެދިފައެވެ. އެެމެރިކާގެ އެހީއަކީ ރިޝްވަތު ކަމަށާ އެއީ މިސްރުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަނުންކަމަށްބަލައި އެކަމާދެކޮޅަށް އެންމެ ބޮޑަށް ކޭންޕޭންކުރަނީ މިސްރުގައި ވަގުތީ ވެރިކަމެއްކުރާ ޢަސްކަރީ މަޖިލިސް ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ "ވޯލްސްޓްރީޓް ޖޯނަލް" ތުހުމަތު ކޮށްފައިވެއެވެ.

އެމެރިކާއަކީ ނުބައި ޤައުމެއްގެ ގޮތުގައި ދެއްކުމަށާއި ޤާހިރާގައި ހުންނަވާ އެމެރިކާގެ ސަފީރާ އޭން ޕެޓްރިސަންއަކީ އެމެރިކާގެ ރިޝްވަތު ބައްސަވާ ނުރައްކާތެރި ބޭފުޅެއް ކަމަށްބުނެ މިސްރުގެ މީޑިޔާގައި ޝާޢިއުކުރެވޭ ރިޕޯޓްތަކަށް ބާރުލިބެނީ ޢަސްކަރީ މަޖިލީހުގެ ޢަމަލުތަކުން ކަމަށް "ވޯލްސްޓްރީޓް ޖޯނަލް" ނޫސް ސިފަކޮށްފައިވެއެވެ.

މިދިޔަ ޖުލައިމަހުގެ 31 ވަނަދުވަހު މިސްރުގެ މަޖައްލާއެއް ކަމަށްވާ "އޮކްޓޯބަރ" ގެ ބޭރު ގަނޑުގައި ކުރަހާފައިވަނީ އެމެރިކާގެ ދިދަ އޮޅާފައިވާ ޑައިނަމިޓް ބޮމެއްގައި އަލިފާން ރޯކޮށްގެން އެބޮންގޮއްވާލުމަށްޓަކައި އެމެރިކާގެ ސަފީރާ ޕެޓްރިސަން ޔޫ.އެސް. ޑޮލަރ ބޭނުންކުރެއްވުމަށް އުޅުއްވާ މަންޒަރެކެވެ.

މި ކުރެހުމަކީ މިސްރު ރައްޔިތުންގެ މެދުގައި ވަރަށް މަޤްބޫލު ކުރެހުމަކަށްވީ ނަމަވެސް އެމެރިކާއަށް މިކުރެހުން ފެނިގެން ދިޔައީ ވަރަށް ހިތި މަންޒަރެއްގެ ގޮތުގައެވެ. މިގޮތުން ވޭތުވެދިޔަ ތިރީސް އަހަރު މިސްރަށް އެމެރިކާ ދެމުންގެންދިޔަ އެތަށްސަތޭކަ ބިލިޔަން ޑޮލަރުގެ އެހީތަކުން މިސްރު ރައްޔިތުންގެ ހިތްތައް ފަތަޙަ ކުރުމުގައި އެމެރިކާއަށް ޙާސިލްކުރެވުނީ ކޮންކަމެއްތޯ ހޯދުނީ ކޮންކާމިޔާބެއްތޯ އެމެރިކާ ބަލަންޖެހިފައިވާ ކަމަށް ލޮސްއެންޖެލެސް ޓައިމްސް ގެ ރިޕޯޓްގައިވެއެވެ.