14 Jan 2018, 09:21
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން ވިލަރެއާލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަލިވެ، ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ޕްރެޝަރަށް ވެއްޓިއްޖެއެވެ.
މިއީ ރެއާލް މެޑްރިޑްގެ ދަނޑުގައި ވިލަރެއާލް މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުން ބަލިވެ ރެއާލް އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. އެ ޓީމަށް ލިބުނީ 18 މެޗުން 32 ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި ވާދަވެރި ބާސެލޯނާ އޮތީ 18 މެޗުން ލިބުނު 48 ޕޮއިންޓާއެކުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދީ ރެއާލް މެޑްރިޑުންނެވެ. އެ ޓީމުން މެޗުގެ ކުރީ ކޮޅުގައި ވިލަރެއާލްގެ ގޯލަށް ނުރައްކާ ކުރި އިރު، ބޭލް ވަނީ ފުލުފުލުގައި ދެ ތިން ހަމަލާއެއް ފޮނުވާލައިފައެވެ. މީގެ އިތުރުން ކުރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުންވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ މާޔޫސްވެފައި --- ފޮޓޯ/އޭޕީ
މެޗުގައި ރޮނާލްޑޯގެ އިތުރުން ރެއާލްގެ ކުރިއަށް ކުޅުނު ބޭލްއާއި އިސްކޯއަށްވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފުގައި ރެއާލްއިން ވަރުގަދައަށް ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި ވިލަރެއާލްއިން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ރެއާލަށް ޕްރެޝަރުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ވިލަރެއާލްއިން ވަނީ ލީޑު ނަގައިފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ފޯނަލްސްއެވެ.
މެޗުގައި ރެއާލްއިން ވަނީ ޖުމްލަ 28 ހަމަލާ އުފައްދައިފައެވެ. ނަމަވެސް ގިނަ ފުރުސަތުތަކެއް ދިޔައީ ބޭކާރު ވެގެންނެވެ.

ރޭގެ މެޗުގައި ރެއާލްގެ ބޭލްއަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ --- ފޮޓޯ/ އޭޕީ
މި ނަތީޖާއާއެކު އަންނަ ސީޒަންގައި ރެއާލަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ. މިދިޔަ ސީޒަންގެ ލަލީގާ އަދި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރި ރެއާލް މިސީޒަނުގައި ފެންނަމުންދަނީ ވަރަށް ބޮޑަށް ފޯމު ކަޓާފައިވާ ޓީމެއްގެ ގޮތުގައެވެ.