14 Jan 2018, 08:59
މިސްރު ސިފައިން ޖެހި ބަޑިއެއްގެ އުންޑަ އަރައި ކަނޑުމަތީގައި ހަރަކާތްތެރިވި ފަލަސްތީނުގެ މަސްވެރިއަކު މަރުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ރަފާ އަވަށުގެ ބޯޑަރު ކައިރިން ކަނޑުމަތީގައި ހިނގި އެ ހާދިސާއާ ގުޅިގެން ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ އެ މަސްވެރިޔާ އުޅުނީ މިސްރު ބޯޑަރު ހުރަސްކުރަން ކަމަށް ކަށަވަރު ނުވާ ކަމަށެވެ.
މީގެ ކުރިން ވެސް މިސްރުގެ ސިފައިން ވަނީ މިސްރު-ފަލަސްތީނު ބޯޑަރު ހުރަސްކޮށް މިސްރަށް އެތެރެވާން އުޅުނު ކަމަށް ބުނެ ފަލަސްތީނު ބައެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފަ އެވެ.
ފަލަސްތީނުގެ މަސްވެރިން އާންމުކޮށް މަސްވެރިކަންކޮށް އުޅެނީ މިސްރާވީ ދިމާލުންނެވެ. އެއީ އިސްރާއިލުގެ އުނދަގުލެއް ނެތި އެމީހުންނަށް ލައިގެން ކާއެއްޗެއް ހޯދަން އޮންނަ ހަމައެކަނި މަގޭވެސް ބުނެވިދާނެ އެވެ.
ފަލަސްތީނުގެ މަސްވެރިން ބުނާ ގޮތުން އެމީހުން މަސްވެރިކަން ކުރަން އިސްރާއިލުން ހުއްދަ ދީފައި ވަނީ ކުޑަ ސަރަހައްދެކެވެ. އެހާ ކުޑަ ސަރަހައްދަކުން ދެ މިލިއަން މީހުންނަށް ބޭނުންވާ ވަރަށް މަސް ނުލިބޭ ކަމަށް އެމީހުން ބުނެ އެވެ. (އަލްޖަޒީރާ)