15 Jan 2018, 21:20
ޅ. ނައިފަރުގައި ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބެމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އަންހެން ކުއްޖަކު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ނައިފަރު ކައުންސިލް މެމްބަރަކު މިރޭ "ސަން" އަށް ވިދާޅުވީ ގްރޭޑް 9 ގައި ތައުލީމް ހާސިލްކުރަމުން އަންނަ އެކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.
"މިހާރު އެކުއްޖާ ވަނީ މާލެ ގެންގޮސްފައި،" ނައިފަރު ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭގޮތުން އެ ކުއްޖާގެ އާއިލީ ބައެއް މީހުންނާއި އެރަށުގެ ގިނަ ބަޔަކާ "ސަން" އިން ސުވާލުކުރީމެވެ. މިއީ އެރަށު ގިނަ ބަޔަކަށް އެނގޭ މައްސަލައެއްކަން އެމީހުންގެ ވާހަކަތަކުން އެނގިގެންދިޔައެވެ.
މި މައްސަލައިގެ ހަގީގަތް ހޯދުމަށް "ސަން" ގެ ނޫސްވެރިން ވަނީ ހަފްތާއެއް ވަންދެން ތަފާތު އެކި ގޮތްގޮތުން މަސައްކަތްކޮށްފައެވެ. އެ މަސައްކަތުން ޖިންސީ ގޯނާގެ މައްސަލައާ ގުޅޭ ގިނަ ހެކިތަކެއް ވަނީ ލިބިފައެވެ.
"ސަން"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި އެ އަންހެން ކުއްޖާ އަށް ބައްޕަ ޖިންސީ ގޯނާ ކުރަމުންދާތާ އަހަރެއްވަރު ވެދާނެއެވެ. އަދި އެކަން ކުރަނީ އަންހެން ކުއްޖާގެ މަންމައަށް ވެސް އެނގިގެން ކަމަށް ބައެއް މީހުން ވަނީ ތުހުމަތު ކޮށްފައެވެ. ބައްޕަ ބިރުދައްކާފައިވާތީ އެ ވާހަކަތައް އެހެންމީހުންނަށް ކިޔައިދިނުމަށް އެ އަންހެން ކުއްޖާ އާއި މަންމަ ފަސްޖެހޭ ކަމަށް އެ އާއިލާ އިން "ސަން" އަށް މައުލޫމާތު ހިއްސާކުރި މީހަކު ކިޔައިދިނެވެ.
"ކުއްޖާގެ މަންމަ އަށް ވެސް ބައްޕަ ހުންނަނީ ބިރުދައްކާފައި. އެހެންވެ އެ ވާހަކަ ދައްކަން އޭނައަށް ނުކެރޭ،" ނައިފަރުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
"އޭނަގެ މަންމަ އަށް ވެސް އެކަންތައް އެނގޭނެ. އޭނަ އެ މައުލޫމާތު ހާމަނުކުރަނީ ބައްޕަ ހައްޔަރުވެދާނެތީ،"
"ސަން" އަށް މައުލޫމާތު ހިއްސާކުރި މީހުން ބުނިގޮތުގައި އެކުއްޖާގެ ބައްޕަ އިތުރު ކުއްޖަކަށް ވެސް ޖިންސީ ގޯނާކުރި ކަމަށް ޖިންސީ ގޯނާ ލިބުނު ދެވަނަ ކުއްޖާ ވަނީ ބުނެފައެވެ.
ޖިންސީ ގޯނާ ލިބެމުންދިޔަ ދެވަނަ ކުއްޖާ މިހާރު ދިރިއުޅެނީ އެހެން ބައެއްގެ ބެލުމުގެ ދަށުގައި ކ. އަތޮޅުގެ ރަށެއްގައެވެ.
އެ މައްސަލަ އިތުރަށް ދިރާސާ ކުރުމުގެ ތެރޭގައި ޔަގީންވެފައިވާ ކަމަކީ ބައްޕަގެ އަނިޔާ ލިބެމުންދާ ކުއްޖާ ހުންނަނީ އޭނާ ދެކެ "މޮޔަ ވެފައި" ކަމެވެ. އާއިލާގެ ބައެއް މީހުންނާއި އެރަށުގެ ގިނަ ބަޔަކާ ސުވާލުކުރުމުން އެކަން ކަށަވަރުވެއެވެ. އަންހެން ކުއްޖަކަށްވީތީ އެ ކުއްޖާ ޒަރޫރީގޮތުން ގަންނަންޖެހޭ ތަކެތި ގަތުމަށް އެރަށު ފިހާރައަކަށް ބައްޕައާ އެކު އެ ކުއްޖާ ދާ ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
"އަންހެން ކުދިން ގަންނަންޖެހޭ ޚާއްސަ އެއްޗެހި ހުންނާނެ ދެއްތޯ. އެތަކެތި ގަތުމަށް އެ ފިރިހެން މީހާއާ އެކު އެކުއްޖާ ދޭ. ފިހާރާގައި މަސައްކަތްކުރާ މީހުން ވެސް އެކަން ފާހަގަކުރެވިގެން އެ ވާހަކަ އެކި މީހުން ކައިރީ ބުނެފައި އެބަހުރި،" މައުލޫމާތު އެނގޭ އެ އަންހެން ކުއްޖާއާ އައިލީ ގޮތުން ގާތް މީހަކު ކިޔައިދިނެވެ.
އޭނާ ކިޔައިދިންގޮތުގައި އެ ކުއްޖާގެ މަންމަ އާއި އާއިލާގެ ބައެއްގެ ހާޒިރުގައި ވެސް އެފަދަ ބައެއް ކަހަލަ ތަކެތި ގަނެދިނުމަށް ބައްޕަ ގާތު އެ ކުއްޖާ ބުނެފައި އެބަހުއްޓެވެ. ނަމަވެސް މަންމަ އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވެސް އާއިލާ އިން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.
އާއިލާގެ މީހަކު ކިޔައިދިންގޮތުގައި ކ. އަތޮޅުގެ ރަށެއްގައި ދިރިއުޅޭ ކުއްޖާ ނައިފަރުގައި އުޅުނުއިރު، އެކުއްޖާ ނިދަނީ ސިޓިން ރޫމްގައެވެ. ނަމަވެސް ޖިންސީ ގޯނާ ލިބެމުންދާ އަންހެން ކުއްޖާ އާއި މަންމަ އާއި ބައްޕަ އަދި އިތުރު ފިރިހެން ކުއްޖަކު ނިދަނީ އެއް ކޮޓަރިއެއްގައެވެ. ބައްޕަ ނިދަނީ އަންހެން ކުއްޖާ ކައިރީގައި ކަމަށާއި ނިދާއިރު ކޮޓަރީގައި ބޮކިތައް ހުންނަނީ ނިއްވާލާފައި ކަމަށް އާއިލާ އިން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.
އެ އަންހެން ކުއްޖާއާ ބައްޕަ އެކުގައި ހިނގާފައިދާއިރު އަންހެން ކުއްޖާގެ ކޮނޑަށް އަތްލައިގެން މޭމަތީގައި ހިފާ މަންޒަރު ފެނުނު މީހުންވެސް އެބަތިއްބެވެ. އަދި އެ ކުއްޖާ ގޮވައިގެން އެ ރަށު ބޯޅަ ދަނޑާ ދިމާލު އަނދިރި ގަނޑަކަށް ބައްޕަ ވަންނަނިކޮށް ފެނުނު މީހުން ވެސް އެބަތިއްބެވެ.
އަދި އެ ކުއްޖާއާ ބައްޕަ ރޭގަނޑު ފާހާނާއިން ނުކުންނަ ތަން ފެނުނު ބަޔަކުވެސް ތިބި އިރު އަންހެން ކުއްޖާއާ ގައިގޯޅިކޮށް އުޅޭ މަންޒަރު ފެނުނު މީހުންވެސް އެބަތިއްބެވެ.
"ބައްޕަ ރަށުގަ ހުރިއްޔާ އޭނަ ނުނިކުންނާނެ ކޮޓަރިން ބޭރަކަށް. ސްކޫލް ފިޔަވައި އެހެން ހުރިހާތަނަކަށް ވެސް ދަނީ ބައްޕައާ އެކު. އޭނަ އަބަދުވެސް އެކަމަށް ބޭނުންވެފަ ހުންނަ ކަހަލަ ގޮތަކަށް ހުންނަނީ. ކޮފީތަކަށް ވެސް ބައްޕަ އަންހެން ކުއްޖާ ގޮވައިގެން ވަރަށް ގިނައިންދޭ. މަންމައަށް ވެސް ފެނިފަ އެބަހުރި ބައްޕަ އާއި އަންހެން ކުއްޖާ ކިތަންމެ ރެއަކު ބޭރަށް ނުކުމެގެންދާތަން،" މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ވަނީ އެފަދަ އަމަލުތައް ހިންގާ މީހުންނާ ދެކޮޅަށް ހަރުކަށި އަދަބުތައް ކަނޑައަޅާފައެވެ.
އާއިލާގެ މެމްބަރަކާ މެދު ޖިންސީ އަމަލު ހިންގި މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ.