އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބިގެން މާލެ ގެނައި ޒުވާނާ އޮތީ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްސީޔޫ)ގައި ކަމަށް އޭނާއަށް ފަރުވާ ދެމުންދާ އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އައްޑޫ ފޭދޫ ލިންކު ރޯޑުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 18 އަހަރުގެ ޒުވާނަކަށެވެ.

ލިބިފައިވާ އަނިޔާތަކުގެ ސީރިއަސް ކަމުން އެ ޒުވާނާ ވަނީ އިއްޔެ މާލެ ގެނެސްފައެވެ. ފުރަތަމަ އޭނާ ގެންދިޔައީ އައިޖީއެމްއެޗަށެވެ. ނަމަވެސް ފަހުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު މިރޭ ސަން އަށް ވިދާޅުވީ، އެ ޒުވާނާ އޮތީ އެޗްޑީޔޫގައި ކަމަށާއި މިވަގުތު ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ހާމަކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ޒުވާނާ އެކްސިޑެންޓުވިތަން ފެނުނު މީހަކު ސަން އަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ބިދޭސީއެއްގެ ގައިގައި ޖެހިގެންނެވެ.

ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް ފަރުވާދިން އައްޑޫ ރީޖަނަލް ހޮސްޕިޓަލުން ބުނާ ގޮތުން، ޒުވާނާގެ ބޮލަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ. އެ ޒުވާނާގެ އިތުރުން އެކްސިޑެންޓުގައި އިތުރު ދެ މީހަކަށް ވެސް ވަނީ އަނިޔާތަކެއް ލިބިފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފައެވެ.