ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ މީހުން ގައުމުން ބޭރުގައި ތިބި ނަމަ އެމީހުން އަނބުރާ ސައުދީ އަށް ގެނެސް ފިޔަވަޅު އަޅާނެ ކަމަށް އެ ގައުމުގެ ޕަބްލިކް ޕްރޮސެކިއުޓަރު ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ މީހުން ގައުމުން ބޭރުގައި އުޅޭ ނަމަ އެ ގައުމުތަކުގެ ސަރުކާރު މެދުވެރިކޮށް އެމީހުންގެ މައުލޫމާތު އެއްކޮށް އުޅޭނޫޅޭގޮތް ބަލާނެ ކަމަށާއި ސައުދީ ސަރުކާރުން އެމީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ޕަބްލިކް ޕްރޮސެކިއުޓަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ތުހުމަތުތައް ކުރެވެނީ ކިތައް މީހުންގެ މައްޗަށްކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ސައުދީ އިން ކޮރަޕްޝަން ނައްތައިލުމަށް ހާއްސަ މަސައްކަތެއް ފަށާފައިވާ އިރު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭ ސައުދީ އަރަބިއާ އިން އެކުލަވާލި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޝާހީ އާއިލާގެ 200 އަށް ވުރެ ގިނަ މެމްބަރުންނާއި ސަރުކާރުގެ މިނިސްޓަރުންނާއި ވިޔަފާރިވެރިން ހައްޔަރުކޮށްފަ އެވެ. އެކޮމިޝަނުގައި އިސްކޮށް ހުންނަވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ.

ހައްޔަރުކޮށްފައިވާ ގިނަ ބަޔަކު ވަނީ ފައިސާ ދެއްކުމުން ދޫކޮށްލައިފަ އެވެ. މުހައްމަދު ބިން ސަލްމާނު ފައްޓަވާފައިވާ މި މަސައްކަތަކީ ވެރިކަމުގެ ދަހިވެތިކަމުގައި ކުރައްވާކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.