14 Jan 2018, 09:36
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު، ލެސްޓާއިން ދެވަނަ ހާފްގެ ފަހުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުންނެވެ. ލެސްޓާގެ ޑިފެންޑަރު ބެން ޗިލްވެލްއަށް ދެއްކި ރަތް ކާޑު ފެނިގެންދިޔައީ މެޗުގެ 68 ވަނަ މިނެޓުގައެވެ.

ޗެލްސީއާއި ލެސްޓާ ބައްދަލުކުރި މެޗުގައި ހަޒާޑް ބޯޅައާއެކު ކުރިއަށް ދަނީ --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ކޮޅުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗެލްސީންނެވެ. ނަމަވެސް އެޓީމަށް ލެސްޓާގެ ގޯލް ހުޅުވާލެވިފައި ނުވާ އިރު، ލެސްޓާއިން ވަނީ ހާފު ނިމެން ދަނިކޮށް ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގެ ފެށުން ދިޔައީ ވަނދުކޮށެވެ. ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް މެޗުގެ ދެވަނަ ހާފުގައި ނުރައްކާތެރި ހަމަލާތަކެއް އުފެއްދެވިފައި ނުވާ އިރު، ދެވަނަ ހާފުގައި ޗެލްސީގެ ކުރިއަށް ކުޅެމުންދިޔަ އެޑެން ހަޒާޑާއި މެދުތެރެއިން ކުޅެމުންދިޔަ ސެސް ފެބްރިގާސްގެ ބަދަލުގައި ކޮންޓޭ ވަނީ ވިލިއަމްއާއި ޕެޑްރޯ ރޮޑްރިގޭޒް ނެރެފައެވެ.

ލެސްޓާގެ ބެން ޗިލްވެލް އަށް ރެފްރީ ރަތް ކާޑު ދައްކަނީ --- ފޮޓޯ/ އޭޕީ
ލެސްޓާގެ ޑިފެންޑަރު ޗިލްވެލްއަށް ދެއްކި ރަތް ކާޑާއެކުވެސް ޗެލްސީއަށް ލެސްޓާގެ ޑިފެންސް ފޫއަޅުވާލެވިފައި ނުވާ އިރު، މާގިނަ ހަމަލާތަކެއްވެސް ޗެލްސީން އުފައްދާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މެޗުން އެއްވަރުވި ޗެލްސީ އޮތީ އިނގިރޭސި ލީގުގެ ތިންވަނައިގައި 47 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ލިވަޕޫލަށްވުރެ އެއް މެޗު އިތުރަށް ކުޅެ ލީގުގެ ތިންވަނައިގައި ޗެލްސީ މިވަގުތު އޮތް ނަމަވެސް މާދަމާ ރޭ ސިޓީ އަތުން ލިވަޕޫލް މޮޅުވެއްޖެނަމަ، އެޓީމަށް ލީގުގެ ތިންވަނައަށް ޖެހިލެވޭނެއެވެ.