31 Jan 2018, 09:58
އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ދިވެހިރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބު ވާދަކުރި މެޗު ނިމުނީ 3-1 ގެ ނަތީޖާއަކުން ޓީސީ މޮޅުވެގެންނެވެ. އޭއެފްސީ ކަޕްގެ ޕްލޭއޯފް ޖާގަ ޓީސީން ހޯދީ 4-1ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މެޗަށްފަހު 'ސަން ސްޕޯޓްސް'އާ ވާހަކަދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗުގައި އޭނާގެ ގޭމް ޕްލޭން ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށެވެ. ވަކިން ހާއްސަކޮށް މެޗުގެ ކުރީކޮޅުގައި ސައިފްގެ ފަރާތުން ފެނުނު ދިގު ބޯޅަތައް ހުއްޓުވާލައި، ދެވަނަ ހާފުގައި ނަތީޖާ ބަދަލުކޮށްލުމުގައި ނިޒާމްބެގެ ދައުރު އޭނާ ކިޔައިދިނެވެ.

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ބޮޑަށް ބޭނުންވީ މެޗުގެ ކުރީކޮޅުގައި ޓީސީ ފަހަތަށް ދަމާލައިގެން އެމީހުން ލައްވާ ދިގު ބޯޅަތަކެއް ޖަހަން، ދެން އެއަށް ޑިފެންސުން ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުޅުނީ. ކޮންމެވެސް ވަރަކަށް ބައެއް އެއްޗެހި ދިޔަ. އެހެން ނަމަވެސް މާބޮޑު ނުރައްކަލެއް ނުކުރެވޭ. އެނގޭ ފުރަތަމަ ހާފުގައި ޕްރެސް ކޮށްލީމަ ދެވަނަ ހާފުގައި ކުޅުން ބަދަލުކުރާނެކަން. ދެވަނަ ހާފުގައި ޓީމަށް ޓެކްޓިކަލީ ގެނައި ބަދަލުތަކަކާއެކު އެމީހުންނަށް ނުކުޅެވުނީ،" ނިޒާމްބެ ބުންޏެވެ.
ރޭގެ މެޗުގެ ނަތީޖާ 1-1ގައި ގިނަ އިރުތަކެއްގައި އޮތުމަށްފަހު ޓީސީން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ 83 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ. ޓީސީން މެޗުގެ ނަތީޖާ 3-1 އަކަށް ބަދަލުކޮށްލީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. ރޭގެ މެޗުގައި ޓީސީއަށް ތިން ގޯލްވެސް ކާމިޔާބުކޮށްދިނީ އެޓީމަށް އަލަށް ގެނައި ބިދޭސީ މިޑްފީލްޑަރު ވްލަސިޗޭވް އެނަޓޯލީއެވެ.

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ސައިފް ކޮޅަށް ލަނޑު ޖެހުމަށްފަހު ޓީސީގެ އެނަޓޯލީ އުފާފާޅުކުރަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެހެން ނަމަވެސް މެޗުގެ ފަހު ދެ ގޯލުގައިވެސް ބަދަލު ކުޅުންތެރިއެއް ގޮތުގައި ނުކުތް އަހްމަދު އާރިފް (އާރީ)ގެ މަސައްކަތް ފާހަގަކޮށްލެވުނެވެ. ފުރަތަމަ ލިބުނު ޕެނެލްޓީއަކީވެސް އާރީއަށް ކުރި ފައުލަކަށް ލިބުނު ޕެނެލްޓީއެކެވެ. އަދި ފަހު ގޯލް ޖެހި ހިލޭ ޖެހުމަކީވެސް އާރީގެ ބާރު ދުވެލި ހުއްޓުވުމަށް ސައިފްގެ ޑިފެންޑަރަކު ކުރި ފައުލަށް ލިބުނު ހިލޭ ޖެހުމެކެވެ.
"އާރީއަށް ވަރަށް ކޮންފިޑެންސް އޮވޭ. އެމީހުން ފަހަތުން ޕުޝްކުރާތީ އެމީހުންގެ ފަހަތަށް ބޯޅައާއެކު ކުރިއަށް ދުވެލެވޭނެ ކުޅުންތެރިއަކަށް ވަރަށް ވިސްނާފަ އާރީ އެރުވީ. އާރީ އެކަން ކޮށްދީފި، ތަފާތު ދައްކައިފި،" އާރީގެ ބަދަލާ ގުޅޭގޮތުން ކޯޗު ނިޒާމްބެ ބުންޏެވެ.
ރޭގެ މެޗުން މޮޅުވެ ޓީސީ ޕްލޭއޯފްގައި ދެ ލެގު ކުޅެން ޖެހޭނީ އިންޑިއާގެ ވަރުގަދަ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ.
ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ނިޒާމްބެ ބުނީ އެ މެޗުވެސް ފަސޭހައެއް ނުވާނެ ކަމަށާއި ރޭގެ މެޗަކީވެސް ފަސޭހަ މެޗެއް ނޫން ކަމަށެވެ. އެހެންނަމަވެސް ދެންވެސް އޮންނާނީ ތައްޔާރުވުން ކަމަށާއި ނުކުންނާނީ ބެންގަލޫރު ވެސް ބަލިކޮށް ގްރޫޕް ސްޓޭޖަށް ދިއުމަށް ކަމަށް ނިޒާމްބެ ބުންޏެވެ.