15 Aug 2011, 09:54
އައްޒާވިޔާ (އޮގަސްޓް 15) : ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން ޓްރިޕޮލީގެ ހުޅަނގުން 50 ކިލޯމީޓަރުގެ ދުރުގައިވާ ސްޓްރެޓީޖިކް ރަށެއް ކަމަށްވާ އައްޒާވިޔާ ހިފައި ގައްޒާފީގެ ބާރުތައް އެ ރަށުން ބޭރުކޮށްލައިފި އެވެ.
ރޮއިޓާސް ބުނި ގޮތުގައި އައްޒާވިޔާގެ ކޮންޓްރޯލް ހަނގުރާމަވެރިންނަށް ލިބުނީ އިއްޔެގެ ވަގުތެއްގަ އެވެ. މިރަށް ހިފުމުން ޓްރިޕޮލީއާއި ތޫނިސްއާ ދެމެދުގައިވާ ބޮޑު ހައިވޭ ބަންދުކޮށް ތޫނިސްގެ މަގުން ޓްރިޕޮލީއަށް ގެންދާ ކާބޯތަކެއްޗާއި ސާފުކުރި ތެލާއި ތެލުގެ ބާވަތްތަކުގެ ސަޕްލައި ބަންދުކުރުމުގެ ފުރުސަތު އިދިކޮޅު ހަނގުރާމަވެރިންނަށް ލިބިގެންދާނެ އެވެ.
މި ހައިވޭ ބަންދުކުރެވިއްޖެ ނަމަ ޓްރިޕޮލީގަ އާއި އެރަށުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ތިބި ގައްޒާފީގެ ސިފައިން ނަށް ކާބޯތަކެއްޗާއި ފިއުލް ނުލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ފޯރާނެ ކަމަށާ މިކަމުގެ ސަބަބުން ގައްޒާފީގެ ބާރުތަކަށް މާއްދީ ގޮތުން ނޭދެވޭ އަސަރުތައް ކުރާނެކަމަށް ލީބިޔާގައި ހުންނަވާ ރޮއިޓާސްގެ މުރާސިލު ބުނެ އެވެ.
އައްޒާވިޔާއަކީ ޓްރިޕޮލީގެ ހުޅަނގުގައިވާ ލީބިޔާގެ އެންމެ ބޮޑު ސީޓީއެވެ. މިސިޓީ، އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށަށް ދިޔުމަކީ ގައްޒާފީ އަށާއި އޭނާގެ ޢަސްކަރީ ބާރުތަކަށް ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއްކަމަށް ލީބިޔާގެ މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ވެސް ފާހަގަހަކުރެ އެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށަށް އައްޒާވިޔާ ދިޔައީ އެ ރަށް ހިފުމަށްޓަކައި ގައްޒާފީގެ ބާރުތަކާ އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާތާ ހައެއްކަ ދުވަސް ފަހުންނެވެ.
މިއަރުގެ ކުރީކޮޅު ލީބިޔާގެ ރައްޔިތުން ގައްޒާފީގެ ވެރިކަމާ ދެކޮޅަށް އުތުރިއެރި އިރު އައްޒާވިޔާގެ ރައްޔިތުން ވެސް އުތުރުއަރައި ގައްޒާފީގެ ބާރުތައް އެރަށުން ބޭރުކޮށްލި އެވެ. ނަމަވެސް އެއަށް ފަހު ގައްޒާފީގެ ބާރުތަކުންވަނީ އައްޒާވިޔާގެ ރައްޔިތުން ބަލިކޮށް އެރަށް އަލުން ގައްޒާފީގެ ވެރިކަމުގެ ދަށަށް ގެނަސްފަ އެވެ.
އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށަށް އައްޒާވިޔާ ދިޔަނަމަވެސް ހަނގުރާމަވެރިންގެ ސީދާ ނުރައްކަލެއް ގައްޒާފީގެ ވެރިކަމުގެ މަރުކަޒު ކަމަށްވާ ޓްރިޕޮލީއަށް އަދި ނެތްކަމަށް ޚަބަރުތައް ބުނެ އެވެ. އިދިކޮޅު ހަނގުރާމަވެރިން މަސައްކަތް ކުރަމުން ގެންދަނީ ހުޅަނގާއި ދެކުނާ އަދި އިރުމަތިން ޓްރިޕޮލީ ވަށާލުމަށެވެ. ޓްރިޕޮލީ ވަށާލުމަށް ފަހު އެރަށަށް ވަދެގަތުމަށް ހަނގުރާމަވެރިން ވަރަށް އުންމީދީ ޕްލޭނެއް ރާވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނަމަވެސް ގައްޒާފީގެ ބާރުތަކުގެ އަތްދަށުގައި ގިނަ ޢަދަދަކަށް ބަރުހަތިޔާރު ހުރެފައި ހަނގުރާމަވެރިންގެ އަތުގައި އެފަދަ ހަނގުރާމަ ނެތުމުން އެމީހުންތިބީ ޓްރިޕޮލީއަށް ޙަމަލާދީގެން ހަނގުރާމަ ކާމިޔާބު ކުރެވޭފަދަ ޙާލަތެއްގައި ނޫންކަމަށް ލީބިޔާއިން ލިބޭ ޚަބަރުތައް ބުނެ އެވެ. (ރޮއިޓާސް)