14:30


ގދ. ފަރެސްމާތޮޑާގައި ރުކަކުން ވެއްޓި 52 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.


ފުލުހުން ބުނީ އެރަށުގެ ވަލުތެރޭގައި ހުންނަ ރުކެއްގެ ކައިރީގައި މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިފައިވަނީ ފަރެސްމާތޮޑާ، ޓާސްގޭ އަލީ ހުސެއިން މަނިކް ކަމަށެވެ. އެރަށު މީހުންނާ ހަވާލާދީ ފުލުހުން ބުނީ އިއްޔެ ހަވީރު އޭނާ އެރަށުގެ ވަލުތެރެއަށް ވަންގޮތަށް އެއްވެސް ޚަބަރެއް ނުވާ ކަމަށާއި އަދި މިއަދު ހެނދުނު ހައެއް ޖަހާކަންހާއިރު ވަލުތެރޭގެ ސަރަހައްދުން އޭނާއަށް ލިބިފައިވާ ފަޅު ގޯތީގައި ހުރި ރުކެއްގެ ކައިރީގައި އަލީ ހުސެއިން މަރުވެފައިއޮއްވާ ފެނުނީ އެސަރަހައްދުގައި އުޅުނު ބަޔަކަށް ކަމަށެވެ.


އޭނާ ފެނުނު އިރު އޭނާގެ އަތުގައި ރުކަން އަރަން ބޭނުންކުރާ ޅާބެއް އޮތް ކަމަށާއި އޭނާއާއި ގާތްގަނޑަކަށް 50 ފޫޓް ދުރުގައި އިތުރު ޅާބަކާއި ކަތިވަޅިއެއް އޮތް ކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ލިބިފައި ހުރި ގެއްލުންތަކުގެ ތެރޭގައި ނޭފަތުން ލޭއައިސް، ވައަތު އުޅަބޮށި ކައިރިން ހަތް އިންޗި ހާތަނުން ތެޔޮހަން ގޮސްފައި ހުރި ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައި ވަނީ ފުލުހުން ކަމަށާއި ޞިއްޙީ މަރުކަޒުން އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުން ހަވާލާދީ ފުލުހުން ބުނީ ޞިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައި ކަމަށެވެ. އަދި އޭނާ މަރުވެފައިފައިވާ ކަމަށް ލަފާކުރެވެނީ އިއްޔެ ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ.


މިހާތަނަށް ބެލިބެލުމުން އޭނާ މަރުވެފައިވާ ކަމަށް ބެލެވެނީ ރުކަށް އަރަން އުޅުމުގެ ތެރޭގައި ރުކުންވެއްޓިގެން ލިބުނު އަނިޔާތަކާއި ގުޅިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ.