ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ތަސްނީމް (މޯޑު) އެނބުރި އޭނާގެ ކުރީގެ ކްލަބު އީގަލްސްއާ ގުޅިއްޖެއެވެ.

މިދިޔަ ސީޒަންގައި ލިބުނު އަނިޔާއެއްގެ ސަބަބުން އީގަލްސް ދޫކޮށްލުމަށްފަހު ތަސްނީމް އެންމެފަހުން ފެނިފައިވަނީ ނިމިގެންދިޔަ އެފްއޭއެމް ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބުރު ސްޕޯޓްސް ކުލަބުންނެވެ. އޭނާ ވަނީ ބުރު ސްޕޯޓްސް ކުލަބާއެކު މިދިޔަ ސީޒަންގެ ތިންވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

މީގެ ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަންކަމުގެ ދައުރު އަދާކުރި ތަސްނީމްގެ ކެރިއަރު ފެށީވެސް އީގަލްސްއިންނެވެ. އޭނާ ވަނީ މާޒިޔާއާއި އީގަލްސްގެ އިތުރުން އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)ގެ ޖާޒީގައިވެސް ފެނިފައެވެ.

ކުރިއަށްއޮތް ސީޒަނަށް ވަރުގަދައަށް ތައްޔާރުވަމުންދާ އީގަލްސްއިން ވަނީ މުހައްމަދު އާރިފް (ބަކާ) ވެސް އެ ކްލަބާ ގުޅުނުކަން އިއުލާންކޮށްފައެވެ. މީގެ އިތުރުން އީގަލްސްގައި ތިބި ލޯކަލް ކުޅުންތެރިންގެ ތެރެއިން މުޖްތާޒު މުހައްމަދު (މުޖޭ) އާއި ކެޕްޓަން އިމްރާން ނަޝީދު (އިންމަ) ނޫން އެހެން ހުރިހާ ކުޅުންތެރިން ވަނީ ކްލަބުގައި އަންނަ ސީޒަންގައިވެސް މަޑުކުރުމަށް ކޮންޓްރެކްޓް އައުކޮށްފައެވެ. އަންނަ ސީޒަންގައި މުޖޭ ފެންނާނީ މާޒިޔާއިންނެވެ. އަދި ކެޕްޓަން އިންމަ ފެންނާނީ ނިއުއިންނެވެ.

މި ފެށޭ ސީޒަނަށްވެސް ވޭތުވެދިޔަ ސީޒަންގައި އެ ޓީމުން ފެނިގެންދިޔަ ލަންކާ ގައުމީ ޓީމުގެ ކީޕަރު، ސުޖަން ޕެރޭރާއާއެކު އިތުރު ތިން ބިދޭސީ ކުޅުންތެރިން ގެންނާނެ ކަމަށް އީގަލްސްއިން ވަނީ ބުނެފައެވެ.