ށ. މިނަލްދޫގައި އިމާރާތްކުރި ސްކޫލު އިމާރާތުގެ ސީލިން ނުވެއްޓޭ ކަމަށާއި އެތަނުގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ސީލިން ނައްޓާލީ ކަމަށް ސްކޫލު އިމާރާތްކުރުމުގެ މަސައްކަތްކުރި އެސްޖޭ ކޮންސްޓްރަކްޝަނުން ބުނެފިއެވެ.

އެ ކުންފުނީގެ ޑިރެކްޓާ ޝިހާދު އިސްމާއިލް "ސަން" އަށް ވިދާޅުވީ މިލަންދޫ ސްކޫލުގައި މިހާރު ކުރިއަށް ދަނީ ސްކޫލުން އެދިގެން ކުރާ މަސައްކަތްތަކެއް ކަމަށެވެ.

އެގޮތުން ކޮމްޕިއުޓާލެބްގައި އިތުރު ބޮކިތަކެއް ހަރުކޮށް އެސްޖޭ ކޮންސްޓްރަކްޝަންގެ ސީއެސްއާރު ގެ ދަށުން މަލްޓިމީޑިއާ ޕްރޮޖެކްޓަރެއް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިލަންދޫ ސްކޫލުގެ އާ އިމާރާތް---

ޝިހާދު ވިދާޅުވީ ސްކޫލު އިމާރާތް ކުރުމަށް ބޭނުންކޮށްފައިވަނީ ފެންވަރުދަށް މެޓީރިއަލްސް ކަމަށް ކައުންސިލުގެ ނައިބު ރައީސް ތުހުމަތު ކުރި ނަމަވެސް އެ މެޓީރިއަލް ތަކަކީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެން ބޭނުންކޮށްފައިވާ މެޓީރިއަލްސް ކަމަށެވެ.

"މަސައްކަތް ނިމި، އިމާރާތް އެޑިއުކޭޝަނާ ހަވާލުކޮށް، އެޑިއުކޭޝަން އިން ވަނީ އިމާރާތް ސްކޫލާ ހަވާލުކޮށްފައި. އަޅުގަނޑުމެން ޕްރޮޖެކްޓްތައް ކުރިއަށްގެންދާއިރު އިތުރު މޮޑިފިކޭޝަންތަކެއް ނުގެނެވޭނެ. އެހެންވެސް މަސައްކަތް ނިމި ހަވާލު ކުރުމަށްފަހު ސީއެސްއާރުގެ މަސައްކަތް ކުރަނީ. މާދަމާ އަށް އެ މަސައްކަތްވެސް ނިންމާލެވޭނެ،" ޝިހާދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މިލަންދޫ ސްކޫލު ހިންގުމާ ހަވާލުވެ ހުންނެވި ފަރާތަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ސްކޫލުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ށ. މިލަންދޫގައި ހެދި އައު ސްކޫލު އިމާރާތް--ފޮޓޯ/އެސްޖޭ ކޮންސްޓްރަކްޝަން

މިލަންދޫ ސްކޫލުގެ ސީލިން ވެއްތުނު ކަމަށް އެ ސްކޫލުގެ މަސައްކަތް ކުރި އެސްޖޭ ކޮންސްޓްރަކްޝަނުގެ ބޭފުޅަކު ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ. މީގެއިތުރުން މިލަންދޫ ކައުންސިލްގެ ނައިބު ރައީސް ވެސް ވަނީ އެ ސްކޫލު އިމާރާތްކުރުމުގައި ފެންވަރު ދަށް ކަމަށާއި ބޭނުންކޮށްފައި ހުރީވެސް ފެންވަރު ދަށް މެޓީރިއަލްސް ކަމަށް ވިދާޅުވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ އަބްދުﷲ އިބްރާހިމް ސަން އަށް ވިދާޅުވީ އެސްޖޭ ކޮންސްޓްރަކްޝަނުން މަސައްކަތް ކުރި އިރު އެކި މަރުހަލާތަކުގައި މަސައްކަތް ކުރިއަށް ދިޔަ ގޮތް މިނިސްޓްރީގެ ކޮންސަލްޓެންޓުން އިންސްޕެކްޓްކުރި ކަމަށެވެ. އަދި ސްކޫލުގައި ކުރިއަށްދަނީ އެސްޖޭ ކޮންސްޓްރަކްޝަނުގެ ސީއެސްއާރުގެ ދަށުން ޕްރޮޖެކްޓަރެއް ހަރުމުރުމާ ކޮމްޕިއުޓާލެބްގައި ލައިޓް ހަރުކުރުމުގެ މަސައްކަތްކަމަށް މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ށ. މިލަންދޫގައި ހެދި އައު ސްކޫލު އިމާރާތް--ފޮޓޯ/އެސްޖޭ ކޮންސްޓްރަކްޝަން

އަތޮޅުތެރޭ ގާއިމް ކުރި އެންމެ ފުރަތަމަ ސްމާޓް ސްކޫލު ގާއިމްކޮށްފައިވަނީ ށ މިލަންދޫގައެވެ. އެ ސްކޫލަކީ ޖާގައިގެ ގޮތުން އަތޮޅު ތެރޭގައި މިހާތަނަށް އިމާރަތް ކުރި އެންމެ ތަނަވަސް ސްކޫލުވެސް މެއެވެ.

މިލަންދޫ ގައި އިމާރާތްކޮށްފައިވާ ސްކޫލު އިމާރާތުގައި 30 ކްލާސްރޫމާއި ހާއްސަ އެހީއަށް ބޭނުންވާ ދެ ކްލާސްރޫމް އަދި ތިން ސައިންސް ލެބް ހިމެނެއެވެ. މީގެ އިތުރުން ކޮމްޕިއުޓާލެބަކާއި ލައިބްރަރީއެއްވެސް އެ އިމާރާތުގައި ހިމެނެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ސްކޫލެކެވެ.