އެމެރިކާގެ ފުޓްބޯޅަ ލެޖެންޑް ލަންޑަން ޑޮނަވަން، ދެވަނަ ފަހަރަށް ރިޓަޔާމަންޓުން އެނބުރި އައިސް މެކްސިކޯގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ ލެއޮންއަށް ސޮއިކޮށްފިއެވެ.

މީގެ ކުރިންވެސް 2014 ވަނަ އަހަރު ރިޓަޔާމަންޓް އިއުލާން ކުރި ޑޮނަވަންވަނީ 2016 ވަނަ އަހަރުގެ ސީޒަންގައި މޭޖާ ލީގު ސޮކާގެ އެލްއޭ ގެލެކްސީއަށް ކުޅުމަށް ފުޓުބޯޅައަށް އެނބުރި އައިސްފައެވެ. އަދި އެ ސީޒަންގައި ގެލްކްސީއަށް ނުވަ މެޗު ކުޅެދިން ޑޮނަވަންވަނީ ސީޒަން ނިންމާލާ އަނެއްކާވެސް ރިޓަޔާމަންޓް އިއުލާން ކޮށްފައެވެ.

އުމުރުން 35 އަހަރުގެ ޑޮނަވަން ރިޓަޔާމަންޓުން އަނެއްކާވެސް އެނބުރި އައިކަން ޑޮނަވަންގެ ޓުވިޓާގެ އިތުރުން އޭނާ ސޮއިކުރި ކްލަބުގެ ޓުވިޓާގަވެސް ޔަގީން ކޮށްދީފައިވާއިރު، ޑޮނަވަން ބުނެފައިވަނީ ލެއޮންއަކީ މެކްސިކޯގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތާރީހީ ކްލަބެއް ކަމަށެވެ.

ޑޮނަވަން ބުނެފައިވަނީ މެކްސިކޯއާއި އެމެރިކާއާ ދޭތެރޭ އަޅާ ފާރަކީ އޭނާއަށް ގަބޫލުކުރެވޭ އެއްޗެއް ނޫން ކަމަށާއި، އޭނާ ބޭނުންވަނީ ލެއޮންގެ ފެހި ޖާޒީލައިގެން މެކްސިކޯ ކްލަބެއް ނަމަވެސް އެކްލަބަށް ކުޅުން ކަމަށްވެސް އޭނާ ބުންޏެވެ.

ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ޕްރޮފެޝަނަލް މަދު މެޗުތަކެއް ކުޅެފައިވާ ޑޮނަވަން 2016 ވަނަ އަހަރު ރިޓަޔާވުމަށްފަހު ފޮކްސް ސްޕޯޓްސްގެ ފުޓުބޯޅަ އެނަލިސްޓެއްގެ ގޮތުގައިވެސް ފެނިފައިވެއެވެ. މީގެ އިތުރުން އޭނާއަކީ ސްވަންސީ ސިޓީގެ އޯނާޝީޕް ގްރޫޕްގައި ހިމެނޭ މީހެކެވެ. ޑޮނަވަންވަނީ އެމެރިކާގެ ސަންޑިއޭގޯއަށް މޭޖާ ލީގު ސޮކާ ކުޅޭ ފުޓްބޯޅަޓީމެއް ގެންދިއުމަށްވެސް މަސައްކަތް ކޮށްފައެވެ.

ޑޮނަވަންއަކީ މޭޖާ ލީގު ސޮކާގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އޭނާވަނީ ހަ ފަހަރަށް އެ ލީގު އުފުލާލައި، 145 ގޯލާއެކު 136 އެސިސްޓް ލީގުގައި ހަދާފައެވެ. މޭޖާ ލީގު ސޮކާގެ ޓޮޕް ސުކޯރާގެ އިތުރުން ޑޮނަވަންއަކީ އެމެރިކާގެ ގައުމީ ޓީމަށްވެސް އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ގޯލްވެސް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާވަނީ ގައުމީ ޓީމަށް 157 މެޗު ކުޅެދީ 57 ގޯލް ޖަހައިދީފައެވެ.

އެމެރިކާގެ ލީގުގެ އިތުރުން ޑޮނަވަންވަނީ ޔޫރަޕުގެ ބައެއް ކްލަބުތަކަށްވެސް ކުޅެފައެވެ. އެގޮތުން އޭނާވަނީ އެވަޓަންއާއި ބަޔާން މިއުނިކަށްވެސް ކުޅެފައެވެ.