ނިމިދިޔަ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހުގެ ގޯލް ބެލެހެއްޓި ކީޕަރު އިބްރާހީމް ޒަމީރު (އިބޫ) ވެލެންސިއާއާ ގުޅިއްޖެއެވެ.

އިބޫ ވެލެންސިއާއަށް ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ވޭތުވެދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕާއި ދިވެހި ޕްރިމިއާ ލީގުގައިވެސް އި ބޫވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކައިފައެވެ. އެގޮތުން މާޅޮހުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު 14 މެޗުން ނުވަ ޕޮއިންޓް ހޯދި އިރު އޭނާގެ ހިއްސާ ބޮޑެވެ.

މި ފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވެލެންސިއާގެ ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސާފައިވާ އިރު، ސޮބާ ބުނެފައިވަނީ އަންނަ ސީޒަނަށް ވަރުގަދަ ސްކޮޑެއް ނެރޭނެ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ވެލެންސިއާއާ ގުޅުނު ކުޅުންތެރިންނަކީ އަންސަރު އިބުރާހީމް (އަންކޮ) އާއި ވެލެންސިއާގެ ކުރީގެ ކެޕްޓަން މުހައްމަދު އިމްރާނާއި ވޭތުވެދިޔަ ސީޒަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު މުހައްމަދު ކަރަމް އަދި ކްލަބު ގްރީން ސްޓްރީޓްސްއަށް ކުޅުނު ޒުވާން ކުޅުންތެރިޔާ އިބްރާހިމް ހަސީބެވެ.

ގްރީން ސްޓްރީޓަސްއަށް ކުޅުނު މޫސާ ހަސަން އަދި މުހައްމަދު ނިޒާމް (ޕީކޭ)ވެސް މިއަދު ނޫނީ މާދަމާ ވެލެންސިއާއަށް ސޮއިކުރާނެ ކަމަށް އެ ކްލަބާ ހަވާލުވި ކޯޗު ސޮބާ ވަނީ ސަން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ. މީގެ އިތުރުން އަންނަ ސީޒަނަށް އޭޝިއާގެ ކީޕަރެއްގެ އިތުރުން ބިދޭސީ ޑިފެންޑަރަކާއި ފޯވާޑެއް އަދި މިޑްފީލްޑަރެއް ވެސް ގެންނާނެ ކަމަށް ސޮބާ ވަނީ ބުނެފައެވެ.

ވެލެންސިއާއަށް މިދިޔަ ސީޒަންގައި ކުޅުނު ކީޕަރު މުހައްމަދު ފައިސަލް އަންނަ ސީޒަންގައި ނިއުއަށް ކުޅުމަށް އެއްބަސްވެފައިވާ އިރު، އެ ޓީމުގެ ޑިފެންޑަރު ހިޝާމް ސަލީމް (ކޮކީ) ވެސް ވަނީ ނިއުއާ ގުޅިފައެވެ. ވެލެންސިއާއަށް މާލޭ ލީގުގައި ކުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ)، އަންނަ ސީޒަނަށް އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.