13 Jan 2018, 18:36
ޕާކިސްތާނުގެ ކަރާޗީގެ ސަރަހައްދަކުން އިއްޔެ ގެއްލުނު 10 އަހަރުގެ ފިރިހެން ކުއްޖަކު ހޯދައިގެން ގެއަށް ގެންގޮސްދީފިއެވެ.
އެކުއްޖާގެ އާއިލާގެ މީހުންނާ ހަވާލާދީ އެގައުމުގެ މީޑިއާ ރިޕޯތުތައް ބުނާގޮތުން މިއަދު ހެނދުނު އެކުއްޖާ ގެއަށް ގެންގޮސްދިނީ ނުދަންނަ ބީރައްޓެއްސެކެވެ. އެ އާއިލާ އިން ބުނީ މިއަދު ފަތިސް ނަމާދު ވަގުތަށް ފަހު އެމީހާ ކުއްޖާ ގޮވައިގެން ގެއަށް ދިޔަ ކަމަށާއި އެއްވެސް މީހަކާ އަނގައިން ބުނުމެއްނެތި ނިކުމެގެން ދިޔައީ ކަމަށެވެ.
ގެއްލިގެން އުޅުނު ފިރިހެން ކުއްޖާ ފެނުނުއިރު ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ބޭރުފުށުން އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ކުއްޖާގެ މާމަ ވަނީ ބުނެފައެވެ.
މީޑިއާ އަށް މައުލޫމާތު ދެމުން ކުއްޖާގެ އާއިލާ އިން ބުނީ އެކުއްޖާ "ގެންދިޔަ މީހަކު" އެކުއްޖާ ގެންދިޔައީ މެޓާ ގަނެދޭނެ ކަމަށް ބުނެ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ކުއްޖާ ކިޑްނެޕް ކުރިކަމަށް ނިންމޭނީ މެޑިކަލް ޓެސްޓްތަކެއް ހެދުމަށްފަހު ކުއްޖާގެ ބަޔާން ނަގައި މެޑިކަލް ރިޕޯޓުގެ ނަތީޖާ އާ ކުއްޖާގެ ބަޔާނާ އަޅާ ކިޔުމަށް ފަހު ނިކުންނަ ނަތީޖާއަކުން ކަމަށެވެ.
އެ ފިރިހެން ކުއްޖާ ގެއްލުނީ ހުކުރު ދުވަހުގެ ހެނދުނު ކިޔަވަން ގޮސްފައި އެނބުރި ގެއަށް އައި މަގުމަތީގައެވެ. ކުއްޖާ ގެއްލިގެން ހޯދަން އާއިލާ އިން މަސައްކަތް ކުރި އިރު ކުޑަކުުދިން ރައްކާތެރި ކުރުމަށް ގޮވާލައި އެސަރަހައްދުގައި ވަނީ މުޒާހަރާކޮށް އަޑުއުފުލައިފައެވެ.
މަގުމަތީ މީހުން އެއްވެ މުޒާހަރާކޮށް ހުޅުޖަހާތީ ކުއްޖާ ހޯދުމުގެ މަސައްކަތަށް ހުރަސް އެޅުނު ކަމަށް އާއިލާއިން ބުނެފައިވެއެވެ.
ޕާކިސްތާނުގައި ކުޑަކުދިންގެ ރައްކާތެރިކަން ކުޑަކަމަށް ގޮވާލައި އަޑު އުފުލުން ވަނީ އިތުރުވެފައެވެ. އެކަމަށް އަޑުއުފުލާ މީހުން އިތުރުވެފައިވަނީ އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޒައިނަބު އަމީންގެ މަރާ ގުޅިގެންނެވެ. ޒައިނަބު މަރާލާފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ފަހުންނެވެ.
އެކުއްޖާ ގެއްލުނީ ގުރުއާން ކިޔަވަން ދިޔަ މަގުމަތީއެވެ. ޒައިނަބުގެ އޮޓޮޕްސީ ރިޕޯޓު ބުނާގޮތުން އެކުއްޖާ މަރާލާފައިވަނީ ރޭޕްކުރުމަށްފަހުއެވެ.