އިސްލާމްއާބާދު (ޖެނުއަރީ 13): ޕާކިސްތާނުގައި މިދިޔަ އަންގާރަ ދުވަހު މަރާލާފައި އޮއްވާ ފެނުނު އުމުރުން ހަތް އަހަރުގެ ޒައިނަބު އަންސާރީގެ ގާތިލުންނަށް ހަރުކަށި އަދަބުދިނުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިއެވެ.

މަޖިލީހުގައި ހިމެނޭ ސަރުކާރުގެ މެމްބަރުންނާއި އިދިކޮޅު ޕާޓީތަކުގެ މެމްބަރުން އެފަދައިން ގޮވާލާފައި ވަނީ ކުޑަކުދިންނަށް އަނިޔާ ކުރުން ހުއްޓުވުމަށް އަޅާނެ އާ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

އެގޮތުން ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު މަރިޔަމް އައުރަންގަޒީބު ވަނީ ކުޑަކުދިން ޖިންސީ އަނިޔާއާ ބެހޭ ގޮތުން ހޭލުންތެރި ކުރުމަށް ހާއްސަ މާއްދާއެއް ސްކޫލް ފޮތްތަކުގައި ހިމަނަން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ.

ސަރުކާރާ އިދިކޮޅު ޕީޕަލްސް ޕާޓީގެ މެމްބަރު ސައީދު ޚޫރުޝީދު ޝާހު ވަނީ ޒައިނަބު ދިރިއުޅުނު ޕަންޖާބުގައި ޖިންސީ އަނިޔާ ކުރާ މީހުންނަށް ވަގުތުން އަދަބު ދެމުން ދިޔަނަމަ ޒައިނަބުގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް ވިދާޅުވެފައެވެ.

ޕަންޖާބުގައި ފާއިތުވި ތިން އަހަރު އެފަދަ 720 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި ނަމަވެސް އެސްޓޭޓުގެ ސަރުކާރުން އެއްވެސް ގާތިލެއް ނުވަތަ ރޭޕިސްޓެއް ހައްޔަރުކޮށްފައި ނުވާ ކަމަށް މެމްބަރު ސައީދު ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން އޭނާ ވަނީ ރޭޕިސްޓުންނާއި ގާތިލުން ޖެހެނީ އާއްމުންނަށް ފެންނަ ތަންތަނުގައި ދަން ޖައްސަން ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ.

ދީނީ ޕާޓީ ޖަމިއަތް އުލެމާ އީ އިސްލާމްގެ މެމްބަރު ނައީމާ ކިޝްވާރު ވަނީ ގާތިލުންނަށް އިސްލާމް ދީނުގައި އަންގަވާފައިވާ އަދަބު ނުދޭ ނަމަ ޒައިނަބުގެ ހާދިސާ ފަދަ އިތުރު ހާދިސާތައް ހިނގަމުންދާނެ ކަމަށް ވިދާޅުވެފައި އެވެ. އެގޮތުން ގާނޫނުގައިވާ ގޮތުން ރޭޕިސްޓަކަށް ވެސް ގާތިލަކަށް ވެސް ދެނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަމަށާއި ނަމަވެސް އިސްލާމީ ދީނުގައި ވަނީ ގާތިލުންނަށް މަރުގެ އަދަބު ދޭން ކަން މެމްބަރު ނައީމާ ފާހަގަ ކުރެއްވި އެވެ.

ޕަންޖާބުގެ ކުސޫރުގައި ޒައިނަބު މަރާލާފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދާތާ ފަސް ދުވަސް ފަހުންނެވެ.