13 Jan 2018, 16:18
ވޮޝިންޓަން (ޖެނުއަރީ 13): އީރާނުގެ ޖުޑިޝަރީގައި އިސްކޮށް ހުންނަވާ ސާދިގު އަމޯލީ ލަރިޖާނީއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ބުނެފި އެވެ.
އެމެރިކާއިން އިއްޔެ ލަރިޖާނީއާ ދެކޮޅަށް ފިޔަވަޅު އެޅީ "އީރާނުގެ ގައިދީންނަށް ލާއިންސާނީ އަނިޔާތައްދީ އިންސާނީ ހައްގުތަކަށް އަރައިގަތް" ކަމަށް ބުނެ އެވެ. ލަރިޖާނީގެ އިތުރުން އީރާނުގެ 13 މީހަކާއި ކުންފުންޏާ ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އެވެ.
އޭގެ ސަބަބުން އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެފިޔަވަޅުތައް އަޅާފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށާއި އީރާނުން އެފިޔަވަޅުތަކަށް ސީރިއަސް ރައްދެއް ދޭނެ ކަމަށް ބުނެފަ އެވެ.
އަދި އީރާނުގެ ނިއުކްލިއާ އެއްބަސްވުން އިސްލާހު ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ގޮވާލެއްވި ނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.
އީރާނުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމުގެ ގޮތުން 2015 ވަނަ އަހަރު އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ މެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި އެވެ. އެއެއްބަސްވުމުގެ ދަށުން އީރާނުން ވަނީ އެގައުމުން ޔުރޭނިއަމް ފައްކާ ކުރާ މިންވަރު މަދު ކުރަން ނިންމާފަ އެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން އެހެން ގައުމުތަކުން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެއްބަސްވެފައި އެވެ.
ނަމަވެސް ރައީސް ޓްރަމްޕް ވަނީ އެއީ އެމެރިކާއިން ސޮއިކޮށްފައިވާ އެންމެ ގޯސް އެއްބަސްވުންކަމަށާއި އެއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ. އެގޮތުން އީރާނުން ޔުރޭނިއަމް ފައްކާ ކުރުމާ ދެކޮޅަށް ދާއިމީ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށާއި އެގައުމުން ބެލިސްޓިކް މިސައިލް ޓެސްޓު ކުރުން މަދު ކުރުވަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އަދި އެބަދަލުތައް ނުގެނެސްފި ނަމަ ނިއުކްލިއާ އެއްބަސްވުމުން ވަކިވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވި ނަމަވެސް އިއްޔެ އޭނާ ވަނީ އެއެއްބަސްވުމުގައިވާ ގޮތުގެ މަތިން އިރާނާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް އުވާލައްވާފައި އެވެ. އަދި އެއީ އެމެރިކާއިން އެފަދައިން އަމަލު ކުރާނެ "އެންމެ ފަހު ފަހަރު" ކަމަށް ވިދާޅުވެފައި އެވެ.
އެމެރިކާއިން އެފިޔަވަޅުތައް އުވާލާފައި ވަނީ ކުރިއަށް އޮތް 120 ދުވަހަށެވެ. (ބީބީސީ)