13 Jan 2018, 14:19
ކުރީގެ އިސްލާމިކް މިނިސްޓަރު، އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަނެއްކާ ވެސް ސިޔާސީ މައިދާނަށް އެނބުރި ވަޑައިގެންފާނެ ކަމުގެ އިޝާރާތެއް އޭނާ ދެއްވައިފި އެވެ.
ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ޑރ. ޝަހީމް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންފާނެ ކަމުގެ އިޝަރާތެއް ދެއްވީ މިއަދު އޭނާގެ ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖަކުންނެވެ.
ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އަލުން ސިޔާސީ މަސްރަހުން އަޅުގަނޑު ފެނިގެން ހިނގައިދާނެ" ކަމަށެވެ. ޝަހީމްގެ ޓްވީޓަށް މަރުހަބާ ކިޔައި، އެކިފަރާތްތަކުން ކުރަމުން ގެންދާ ޓްވީޓުތަކަށް އޭނާ ޝުކުރު އަދާކުރަމުން ގެންދެވި ނަމަވެސް، މިކަމާ ގުޅޭ ގޮތުން ތަފްސީލު ހޯދުމަށް އޭނާއަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަން މީގެ ކުރިން ކުރެއްވި ޑރ. ޝަހީމް އެ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުގައި އޭނާ ތަމްސީލުކުރެއްވި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ 2015 ވަނަ އަހަރުގެ މެއި ހައްޔަރުކޮށްފައި ވަނިކޮށް، ސަރުކާރުގައި އަދާލަތު ތަމްސީލުކުރަމުން ދިޔަ ހުރިހާ ބޭފުޅުން މަގާމުތަކުން ވަކިވުމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށް، އެންގުމާ ގުޅިގެންނެވެ.
މިނިސްޓަރުކަމުން ވަކިވެވަޑައިގަތުމަށް ފަހު، އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމަށް ޝަހީމް އައްޔަނުކުރި އެވެ. ދެހާސް ފަނަރައިގެ ތެރޭގައި ޝަހީމްގެ އަޑުން ކީރިތި ޤުރުއާން ރިކޯޑުކޮށް، ސީޑީގައި ނެރުމުގެ މަސައްކަތް އޭނާ ފެއްޓެވި އިރު، ފުރަތަމަ ސީޑީ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ "ހަގީގަތުގައި ދެން ސިޔާސީ ދާއިރާއަށް އެނބުރި ދިއުމުގެ ވިސްނުމެއް ނެތް" ކަމަށެވެ.
އައިޔޫއެމްގެ ޗާންސެލަރުގެ މަގާމަށް ޝަހީމް އައްޔަންކުރީ 2016 ވަނަ އަހަރު އެވެ. އިސްލާމިކް ޔުނިވާސިޓީގައި ޝަހީމް މަސައްކަތް ކުރައްވަން ފެއްޓެވި ފަހުން އޭނާ ހުންނެވީ ސިޔާސީ ދާއިރާއާ ވަރަށް ދުރުގަ އެވެ. އަދި އަދާލަތު ޕާޓީ އިން އޭނާ ވަނީ ވަކިވެވަޑައިގެންފަ އެވެ.
ޝަހީމް މިހާރު ގެންދަވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ޖަލްސާތަކާއި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.