ނ. ޅޮހީގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ މީހަކު އެން ދަމަން މޫދަށް ފައިބައިގެން އުޅެނިކޮށް ދޯންޏެއްގެ ބުރަފަތީގައި ޖެހި، އަނިޔާވެއްޖެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ނ. ޅޮހީގައި މަހަށް ނުކުތް ދޯންޏެއްގެ އެންވެރިއަކު އެންދެމުމަށް މޫދަށް ފައިބައިގެން އުޅެނިކޮށް ޖެހުނީ، ކައިރިން ދިޔަ އެހެން ދޯންޏެއްގެ ބުރަފަތީގަ އެވެ.

އެ ހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނު 9:12ގައި ކަމަށެވެ.

އެ ހާދިސާގައި އަނިޔާވީ އުމުރުން 63 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާ އަށް ނ. ޅޮހީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.