13 Jan 2018, 11:08
ފޭސްބުކްގެ ނިއުސްފީޑުން، އާއިލާއާއި ރަހުމަތްތެރިންގެ ކޮންޓެންޓަށް ވުރެ، އިޝްތިހާރު ފަދަ ޕަބްލިކް ކޮންޓެންޓް މާ ގިނައިން ފެންނާތީ ގިނަ ބަޔަކު ކޮށްފައިވާ ޝަކުވާތަކާ ގުޅިގެން، އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް، ފޭސްބުކްގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފޭސްބުކްގެ އެންމެ މުހިންމު ކަމަކީ އެކަކު އަނެކަކާ ގުޅައިދިނުން ކަމަށާއި ނަމަވެސް ފޭސްބުކްގައި ޕަބްލިކް ކޮންޓެންޓް ގިނަވުމުގެ ސަބަބުން އެ މަގުސަދާ ދުރަށް ކަންކަން ދާ ކަމަށެވެ.
"ވީޑީއޯ އާއި އެހެނިހެން ޕަބްލިކް ކޮންޓެންޓް މިދިޔަ ދެ ތިން އަހަރުގެ ތެރޭގައި އެތައް ގުނައެއް އިތުރުވެއްޖެ. ފޭސްބުކް ޔޫޒަރުންގެ އާއިލާ ނުވަތަ ރަހުމަތްތެރިންގެ ޕޯސްޓުތަކަށް ވުރެ، ނިއުސްފީޑުގައި އެތަކެތި ގިނަވެ، ބެލެންސް ގެއްލިއްޖެ،" ޒަކަބާގް ވިދާޅުވި އެވެ.
ވިޔަފާރިތަކާއި ބްރޭންޑުތަކުގެ އިތުރުން މީޑިއާގެ ޕަބްލިކް ކޮންޓެންޓް ފޭސްބުކްގައި ގިނަވެ، ގާތް މީހުންގެ މެދުގައި އޮންނަ ގުޅުންތައް ކުރިން އޮންނަ ފަދައިން ފޭސްބުކްގައި ނުބޭއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަކަބާގް ވިދާޅުވީ ފޭސްބުކް ބޭނުންކުރުމަކީ ހަމައެކަނި މަޖަލެއްގެ ގޮތުގައި ނުބަލައި، މިއީ ޔޫޒަރުގެ ދިރިހުރުމަށް ކިހާ ވަރެއްގެ ކަމެއްތޯ ބެލުމަށް، ކަމާ ގުޅޭ މާހިރުންނާ އެކު ފޭސްބުކް އިން ދިރާސާއެއް ހަދާފައިވާ ކަމަށެވެ.
"ދިރާސާއިން ދެއްކީ މީހުންނާ ގުޅުން ބަދަހިކުރަން ސޯޝަލް މީޑިއާ ބޭނުންކުރުމަކީ ދިރިހުރުމަށް ރަނގަޅު އަސަރު ކުރާ ކަމެއްކަން. އެކަނިވެރިކަން ފިލައިދާ ކަމެއްކަން. ނަމަވެސް މާ ބޮޑު ޝައުގުވެރިކަމެއް ނެތި، ފެންނަ ކޮންމެ ވީޑިއޯއެއް ބަލައި، ކޮންމެ މަޒުމޫނެއް ކިޔުމަކީ މުނިފޫހިފިލައިދާ، އަދި މައުލޫމާތު ލިބޭ ކަމަކަށް ވިޔަސް އެއީ ދިރިހުރުމަށް މާ ރަނގަޅު ކުރުވާނެ ކަމަކަށް ނުވެދާނެ،" ޒަކަބާގް ވިދާޅުވި އެވެ.
މިއާ ގުޅިގެން ފޭސްބުކްގެ ނިއުސްފީޑުތަކަށް ބަދަލުތަކެއް އަންނާނެ ކަމަށާއި، ވިޔަފާރިތަކާއި ބްރޭންޑުތަކުގެ ޕަބްލިކް ކޮންޓެންޓާއި އިޝްތިހާރުތަކަށް ވުރެ ބޮޑަށް، އާއިލާއާއި ރަހުމަތްތެރީންނާއި ގްރޫޕުތަކުގެ ޕޯސްޓުތައް މާ ގިނައިން ފެނިގެން ދާނެ ކަމަށް ޒަކަބާގް ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން މީހުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުވެ، އެކަކު އަނެކަކާ ކުރާ މުއާމަލާތްތައް އިތުރުވެގެންދާނެ،"