މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ ]މަޓީ[ގެ ސްޓޭންޑް ބަދަލުކޮށް ދައުލަތުގެ މާލީ އަދި އިގްތިސާދީ އިސްލާހުތަކަށް ތާއީދު ކުރާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

ޓޫރިޒަމް ވިޔަފާރިވެރިން ތަމްސީލު ކުރާ މަޓީ އިން މިއަދު ހަވީރު ނެރުނު އެއް ސަފުހާގެ ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ އިގްތިސާދީ ޕްރޮގްރާމްގެ "ސަބަބުން ގައުމުގެ އިގްތިސާދު އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް" އެ ޖަމިއްޔާ އިން ދެކޭ ކަމަށެވެ.

މިއީ މިދިޔަ ހަފުތާގައި މަޓީގެ ސެކްރެޓަރީ ޖެނެރަލް މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކާ މުޅިން ފުށު އަރާ ސްޓޭޓްމަންޓެކެވެ.

މިދިޔަ ހަފުތާގައި މަޓީން ބުނެފައި ވަނީ މިހާރު ރިސޯޓްތަކުން ޓޫރިޒަމް ޖެނަރަލް ސޭލްސް ޓެކްސް ]ޓީޖީއެސްޓީ[ގެ ގޮތުގައި ނަގާ 3.5 ޕަސެންޓްގެ ޓެކްސް މި އަންނަ އަހަރު ހަ ޕަސަންޓަށް ބޮޑުކޮށް، އަދި ވިދިގެން އަންނަ އަހަރު އެ އަދަދު 10 ޕަސެންޓަށް ބޮޑު ކުރުމަށް ސަރުކާރުން މަޝްވަރާ ކުރާ ކަމަށާއި އަދި ވިޔަފާރީގެ ފައިދާގެ ޓެކްސް އާއި ޖެނެރަލް ސޭލްސް ޓެކްސް ]ޖީއެސްޓީ[ގެ އިތުރަށް އިންކަމް ޓެކްސް ތައާރަފު ކުރުމަކީ އޭގެ ވަރަށް ބޮޑު ނޭދެވޭ އަސަރު، ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީ އަށް ކުރާނެ ކަމެއް ކަމަށެވެ.

ނަމަވެސް މިއަދު ހަވީރު މަޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ޓެކްސް ނިޒާމަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ވަރަށް ކާމިޔާބު ކަމާ އެކު ހިންގަމުންދާ ނިޒާމެ"އް ކަމަށެވެ. އަދި "މިފަދަ ޓެކްސްގެ ނިޒާމެއް ރާއްޖެ އަށް ތައާރަފު ކުރުން މިހާރު ވެސް މާ ބޮޑަށް ލަސްވެފައިވާ ކަމަ"ށެވެ.

މަޓީން ބުނީ ރާއްޖޭގައި ޓެކްސް ނިޒާމެއް ތައާރަފު ކުރެވިފައި ނެތުމުން، ރާއްޖޭގެ އިގްތިސާދަށާއި އުފެއްދުންތެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ޖަމިއްޔާ އިން ދެކޭ ކަމަށެވެ.

"އަދި މިހާރުން މިހާރަށް ދައުލަތުގެ އާމްދަނީ އިތުރުނުކޮށް، ކުރިއަށް ދާންވެއްޖެ ނަމަ ގައުމުގެ ތަރައްގީއަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމީ ޔަގީންވާ ކަމެކެވެ،" މަޓީގެ ބަޔާނުގައިވެ އެވެ.

ޓެކްސް ނިޒާމު ހަރުދަނާކޮށް އިގްތިސާދީ އިސްލާހީ ޕްރޮގްރާމް ތަންފީޒު ކުރުމުން ދައުލަތުގެ އާމްދަނީ އިތުރުވެ، ސަރުކާރަށް ނަގާ ލޯންތައް ނެގުން މަދުވެ، ބޭންކުތަކުން އަމިއްލަ ވިޔަފާރިވެރިންނަށް ލޯން ލިބުން އިތުރުވާނެ ކަމަށް ވެސް މަޓީން ބުނެފައިވެ އެވެ. އަދި އެއާ އެކު ވަޒީފާގެ ފުރުސަތު އިތުރުވާނެ ކަމަށް ވެސް މަޓީން ބުނެ އެވެ.

"އަދި މިކަމުގެ ސަބަބުން އިގްތިސާދީ ދުވެލި ހަލުވިވެ، ރާއްޖޭގެ ޓޫރިޒަމާއި ވިޔަފާރީގެ ދައީރާގައި ހުރި ގޮންޖެހުންތައް ހައްލުވެގެންދާނެ ކަމަށް ވެސް މި ޖަމިއްޔާ އިން ގަބޫލުކުރަމެވެ."

ސަރުކާރުން ނަގަން އުޅޭ ޓެކްސްއާ މެދު ކަންބޮޑުވުން ފާޅުކޮށް މަޓީން މީޑިއާ އަށް އިންޓަވިއުތަކެއް ދިންތާ ދެތިން ދުވަސް ވެސް ނުވަނީސް، ޓޫރިޒަމް މިނިސްޓްރީން ވަނީ ބަޔާނެއް ނެރެ މަޓީގެ ކަންބޮޑުވުމާ ބެހޭ ގޮތުން މީޑިއާގައި ދެއްކި ވާހަކައާ މެދު ހިތާމަ ކުރާ ކަމަށް ބުނެފަ އެވެ.

މަޓީގެ ސެކްރެޓަރީ ޖެނެރަލް ސިމް އިބްރާހިމް މުހައްމަދު މިރޭ ވިދާޅުވީ މަޓީގެ ސްޓޭންޑް ބަދަލުކުރީ ސަރުކާރާ އެކު ވަރަށް ފުޅާދާއިރާއެއްގައި ވާހަކަ ދެއްކުމަށް މަޓީން ހުށަހެޅި ގާތްގަނޑަކަށް 15 ވަރަކަށް ނުކުތާއާ މެދު ސަރުކާރުން ދޫދިނުމުން ކަމަށާއި ބިލްތައް ބައްޓަން ކުރާ ގޮތުން ދެ ފަރާތުގެ މަސްލަހަތު ވެސް ހިމާޔަތް ކުރުމަށް ސަރުކާރުން ވެސް އެއްބަސްވުމުން ކަމަށެވެ.

ނަމަވެސް އެކަން ކަމުގެ ތަފުސީލެއް ސިމް ނުދެއްވި އެވެ.