13 Jan 2018, 10:45
މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރަމުން އަންނަ މަސަތްކަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މަޝްވަރާކުރައްވައިފި އެވެ.
ޖަމީލާ އެކު އިންނެވި ފޮޓޯއެއް ޓުވީޓް ކުރައްވަމުން ނަޝީދު ވިދާޅުވެފައި ވަނީ ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން ޕީޕީއެމްގެ އިންތިހާބީ ނައިބު ރައީސް ޑރ. ޖަމީލްއާ އެންމެ ފަހުގެ ވާހަކަތައް ހިއްސާ ކުރެވިއްޖެ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނަޝީދު ވެސް އަދި ޖަމީލް ވެސް އަދި ވިދާޅެއް ނުވެ އެވެ.
އެއް ކެންޑިޑޭޓަކު ނުވަތަ އިންތިގާލީ ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް މާލޭގައި ތިއްބެވި އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ވެސް ވަނީ ފައްޓަވައިފަ އެވެ. އެ މަޝްވަރާތައް ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީގެ ޗެއާމަނަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އަދި ނައިބު ޗެއާމަނަކީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު އެވެ. ދެން ޖޭޕީގެ ފަރާތުން ބައިވެރި ވަނީ ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
އިބޫގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަ އެވެ.
އަދާލަތު ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވަނީ އެ ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފެވެ.
ރައީސް މައުމޫން ތަމްސީލުކުރައްވާނެ ދެ މަންދޫބުންނަކީ، އެ މަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އެވެ.