ރިޔާޟު (ޖެނުއަރީ 13): ސައުދީ އަރަބިއާގެ އަންހެނުންނަށް ފުޓްބޯޅަ ސްޓޭޑިއަމެއްގައި ތިބެގެން މެޗެއް ބަލާލުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދީފި އެވެ.

ޖިއްދާގައި ހުންނަ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްއަށް އިއްޔެ އަންހެނުން ވައްދާފައި ވަނީ އާއިލާތައް ވަނުމަށް ހާއްސަކޮށް ހަދާފައިވާ ގޭޓަކުންނެވެ. އަދި މެޗު ކުރިއަށް ދިޔަ ވަގުތު "ސްޓޭޑިއަމްތަކަށް އަންހެނުންނަށް މަރުހަބާ ކިޔާ" ކަމަށް ބުނާ ހޭޝްޓެގެއް ވަނީ އެތައް ހާސް ބަޔަކު ސޯޝަލް މީޑިއާގައި ބޭނުންކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ސައުދީ ސަރުކާރުން ވަނީ އިއްޔެ އޮތް މެޗުގެ އިތުރުން މިއަދާއި އަންނަ ބުރާސްފަތި ދުވަހު އޮންނަ މެޗުތަކަށް އަންހެނުންނަށް ވަދެވޭނެ ކަމަށް ބުނެފަ އެވެ. އަދި އިއްޔެގެ މެޗު ފެށުމުގެ ކުރިން ފުޓްބޯޅަ ކްލަބުތަކުން ވަނީ އަންހެނުން ސްޓޭޑިއަމްތަކަށް ދިޔުމަށް ހިތްވަރުދީ، ޓީމުތަކުގެ ކުލައިގެ އަބާޔާ ވެސް ވިއްކައިފަ އެވެ.

މީގެ އިތުރުން ސައުދީ އަރަބިއާ އިން ވަނީ އަންނަ ޖޫން މަހުން ފެށިގެން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭނެކަން ވެސް އިއުލާންކޮށްފަ އެވެ. އެއީ އެ ގައުމު އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުވުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން ކަނޑައަޅާފައިވާ ވިޝަން 2030ގެ ދަށުން ގެންނަ ބަދަލުތަކެކެވެ. (ބީބީސީ)