13 Jan 2018, 10:12
އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރާ ތައިލެންޑުގެ އުފެއްދުމެއް ކަމުގައިވާ، އައިވީ ބްރޭންޑްގެ ޔޯގަޓް ޑްރިންކް ރަސްމީކޮށް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.
އެކަމަށް ޓަކައި އިއްޔެ ވަނީ ރަސްރަނި ބަގީޗާގައި ޚާއްސަ ރަސްމިއްޔާތަކާ އެކު، ކުޑަކުދިންގެ ހަވީރެއް ބާއްވައިފަ އެވެ. އައިވީ ޔޯގަޓް ޑްރިންކް ރަސްމީކޮށް ބާޒާރަށް ތައާރަފުކޮށްދިނީ އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރު އަހްމަދު ޝިފާނެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި، މި ޕްރޮޑަކްޓަކީ ސިއްހަތަށް ފައިދާ ހުރި ގިނަ މާއްދާތަކެއް ހިމެނޭ ބުއިމެކެވެ. އަދި މި ޔޯގަޓް ޑްރިންކް އުފައްދަނީ ޗެކް ރިޕަބްލިކުން އިމްޕޯޓުކުރާ ތާޒާ ކިރުން ކަމަށް އެސްޓީއޯ ޢިން ބުނެ އެވެ.
އައިވީ ޔޯގަޓް ޑްރިންކްގައި ހިމެނެނީ އޮރެންޖް، ބްލޫބެރީ، ލައިވީ، ޕްލެއިން، ސްޓްރޯބެރީ އަދި މިކްސްޑް ފްރުޓް ފްލޭވާ އެވެ. އަދި 48 ޕެކެޓު ހިމެނޭ ކޭހެއް ހޯލްސޭލްކޮށް ވިއްކަނީ 250 ރުފިޔާއަށް ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ ސުޕަމާޓުގެ މެނޭޖަރު ފާތިމަތު ފަނާޒާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުަހައްމަދު އަފްރާހު
އައިވީ ބްރޭންޑް ބާޒާރަށް ރަސްމީކޮށް ތައާރަފުކުރުމާ އެކު، އެސްޓީއޯ އިން ވަނީ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެގޮތުން އެސްޓީއޯ ސުޕަމާޓް، މެގްނާ މާޓް، އިހުސާން ފިހާރަ އަދި ވީބީ މާޓުން ގަންނަ ކޮންމެ ހަތަރު ޕެކެޓުގެ ޕެކަކަށް ކޫޕަނެއް ލިބޭނެ ކަމަށާޢި ކޮންމެ ފަސް ކޭހަކަށް އެއް ކޭސް ހިލޭ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އަދި ކޫޕަން ފުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ނަސީބުވެރިއެއް ހޮވައި، އެފަރާތަކަށް ޓެބްލެޓެއް ހަދިޔާ ކުރާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން ފެބްރުއަރީ މަހު 12 ވަނަ ދުވަހުގެ ނިޔަލަށެވެ.