13 Jan 2018, 10:05
ސޯމާލިއާގެ މަސްބޯޓެއް އަނެއްކާ ވެސް ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ގައުމީ ދިފާއީބާރުގެ ކޯސްޓްގާޑުން އަތުލައިގަންފި އެވެ.
ރޭ ކޯސްޓްގާޑުން ވަނީ "ޗޮޓްޕަޓައްނާ 55" ނަމަކަށް ކިޔާ މަސް ބޯޓެއް ތ. ހިރިލަންދޫގެ 76.5 ނޯޓިކަލް މޭލު ބޭރުން އަތުލައިގަނެ މާލެ ގެނައުމުގެ މަސަތްކަތް ފަށައިފަ އެވެ. އެ ބޯޓް ފެނުނު އިރު އޭގައި ތައިލެންޑްގެ 10 ފަޅުވެރިންނާއި 200 ޓަނުގެ މަސް ހުރި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އަދި އެ ބޯޓް ދަތުރުކުރަމުން ދިޔައީ ސޯމާލިއާ އިން ތައިލެންޑަށް ކަމަށް އެ ބޯޓުގައި ތިބި މީހުން ބުނެފައިވާ ކަމަށް ކޯސްޓްގާޑާ ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ.
ކޯސްޓްގާޑަށް ރޭ ފެނުނު ދެވަނަ އުޅަނދަކީ "ޗޮޓްޕަޓައްނާ 51" ނަމަކަށްކިޔާ ބޯޓެކެވެ. ރޭ 20:50ގައި އެ ބޯޓް ފެނިފައި ވަނީ އދ. މާމިގިލީ ހުޅަނގު ދެކުނުން ނުވަ މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ތައިލެންޑްގެ 12 ފަޅުވެރިންނާ އެކު ދަތުރުކުރި އެ ބޯޓްގައި ސޯމާލިއާގެ ދިދައެއް ނަގާފައިވާ އިރު އޭގައި 250 ޓަނުގެ މަސް ހުރި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
ތެލާއި ކާބޯތަކެއްޗަށް ބޭނުން ވެއްޖެ ހާލަތެއްގައި ބޭރުގެ ބޯޓު ފަހަރަށް ވެސް ހާއްސަ ހުއްދައަކާ އެކު ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ އުސޫލެއް އޮވެ އެވެ. ނަމަވެސް އެމްއެންޑީއެފުން ބުނީ އެ ދެ ބޯޓު ވެސް ރާއްޖޭގެ ސަރަހައްދަށް ވަދެފައި ވަނީ ހުއްދަ ނުނަގާ ކަމަށެވެ. އެހެންކަމުން ބޯޓުގެ ޢަމަލުތައް ހުރި ގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމާ އެކު އެ ދެ ބޯޓް ވެސް މިހާރު އަންނަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ސޯމާލިއާގެ ދެ މަސްބޯޓެއް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އަތުލައިގަނެފައިވާ އިރު ހުސްވި އަހަރުގެ ޑިސެމްބަރު މަހު މި ސަރަހައްދަށް ކުރިމަތިވި ތޫފާން އޯޗީގައި ގެއްލުނު އިންޑިއާ އަދި ލަންކާގެ މަސްބޯޓުތައް ހޯދުމުގެ މަސައްކަތް އެ ގައުމުތަކާ ގުޅިގެން އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ. ނަމަވެސް އަދި ރާއްޖޭގެ ސަރަހައްދުން އޭގެން މަސް ބޯޓެއް ފެނިފައެއް ނުވެ އެވެ.